ޚަބަރު

ޓޮޓެންހަމްގެ ކުޅުންތެރިން ތިބީ ހުވަފެނެއްގަ - ކޯޗު މައުރީސިއޯ ޕޮޗެޓިނޯ


ޓޮޓެންހަމް ތިބީ ހުވަފެނެއްގައި ކަމަށާއި އުއްމީދު ކުރަނީ އެ ހުވަފެން ހަގީގަތަކަށް ހަދަން ކަމަށް ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓިނޯ ބުނެފި އެވެ.
އޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި މިރޭ ނެދަލޭންޑްސްގެ އަޔެކްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިންނެވެ.
ޕޮޗެޓިނޯ ބުނީ މުބާރާތް ފެށުނުއިރު ޓޮޓެންހަމް ސެމީ ފައިނަލަށް ދަތުރުކުރާނެ ކަމަށް އެކަކު ވެސް ގަބޫލުނުކުރާނެ ކަމަށެވެ. ނަމަވެސް މިއމުބާރާތުގެ ފައިނަލް ކުޅުމަކީ މީގެ ފަސް އަހަރު ކުރިން ވެސް އެމީހުން ދެކެމުން އައި ހުވެފެނެއް ކަމަށެވެ. މިހެންވެ އެކަން ހަގީގަތަކަށް ހަދަން މުޅި ޓީމު އެއް އަޒުމެއްގައި ތިބި ކަމަށެވެ.
އޭނާ ބުނީ އަޔެކްސް އަކީ ސެމީ ފައިނަލަށް ދިއުން ހައްގު ޓީމެއް ކަމަށެވެ. މިހެންވެ މެޗު ވަރަށް އުނދަގޫވާނެ ކަމަށެވެ.
މިރޭގެ މެޗަށް ޓޮޓެންހަމް ނުކުންނަނީ އިތުބާރު ދެ ފޯވަޑުން ކަމަށްވާ ކެޕްޓަން ހެރީކޭން އާއި ސަން ހުން ނުލަ އެވެ. ކޭން އަށް އަނިޔާވެފައިވާއިރު ސަންހުރީ ސަސްޕެންޑްކޮށްފަ އެވެ.
މިހެންވެ ކުރި ބަލަހައްޓާނީ ލޫކަސް މައުރާ އެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގަކީ އެންމެ ކުޅެން ބޭނުންވާ މުބާރާތް ކަމަށާއި މިރޭގެ މެޗުގައި ތަފާތު ދައްކަން އޭނާ ތައްޔާރު ކަމަށެވެ.