ޚަބަރު

ވަޅުލާފައި ހުއްޓާ ހޯދި ޑްރަގްސް މައްސަލާގައި ހައްޔަރުކުރި މީހުުންގެ މުއްދަތު ޖަހައިފި


ގދ އަތޮޅު ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓާ ހޯދި 150 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގއި ހައްޔަރުކުރި މީޙުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 5 ދިވެހިންނެވެ. މީގެތެރެއިން އެކަކުގެ ބަންދަށް 10 ދުވަސް އިތުރުކޮށްފައިވާއިރު ބާކީ ތިބި ހަތަރު މީހުންގެ ޝަރީއަތް ނިންމެދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި އެންމެންގެ ބަންދާއި މެދު ގޮތެއް ނިންމީ ގައްދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.

150 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވަނީ ގދ.އަތޮޅު ފަޅު ރަށެއްކަމަށްވާ ހުޅުވާރުލުގައި ވަޅުލާފައިވަނިކޮށްކަމަށެވެ. އަތުލައިގަތް މަސްތުވާތަކެތީގެ އަގު 260 މިލިއަން ރުފިޔާއަށް އަރާނެކަމަށް ފުލުހުން ބުނެއެވެ. އަދި މި ތަކެތި ފެނިފައިވަނީ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑާއި ޑިވިޝަނަލް ޕޮލިސިންގ ކޮމާންޑް އަދި ޑްރަގް އިންޓެލިޖެންސް ޔުނިޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ.

ރާއްޖެއަށް ކަނޑުމަގުން އެތެރެކުރި މިތަކެތި އެ ރަށާއި ހަމައަށް ގެންގޮސްފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބޭރުން ލޯންޗަކަށް އަރުވައިގެންނެވެ. އަދި މިތަކެތި އަތުލައިގަތުމަށް 72 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.