ޚަބަރު

އެސްޓީއޯ ބަލިކޮށް ވެމްކޯއިން ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 4ކުން ޖާގަ ހޯދައިފި


ޕެނަލްޓީގައި އެސް.ޓީ.އޯ ރެކްރިއޭޝަން ކްލަބް ބަލިކޮށް ކްލަބް ވެމްކޯ، ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ ހަތަރަކުން ޖާގަ ހޯދައިފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެޓީމުންކުރެ އެއްޓީމަކަށްވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތްވަނީ ނުވެފައި. އަދި މެޗުގައި ފެނިގެންދިޔައީ އެޓޭކަށްވުރެ ބޮޑަށް ދެޓީމުންވެސް ބައިކޮޅަށް އެއްޗެއް ވަނަ ނުދިނުމަށް މަސައްކަތް ކުރަމުންދިޔަ މަންޒަރު. އެހެންނަވެސް މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ޕެނަލްޓީއަށް ނުގޮސް މެޗު ނިންމާލުމުގެ ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ.
ޕެނަލްޓީ ޝޫޓް އައިޓްގައި ކްލަބް ވެމްކޯ ފޮނުވާލި ދެ ޕެނަލްޓީވެސް ކާމިޔާބުކުރި އިރު އެސް.ޓީ.އޯ ރެކްރިއޭޝަން ކްލަބުން ފޮނުވާލި ދެ ޕެނަލްޓީވެސް މަތަކުރީ ވެމްކޯގެ ކީޕަރު ޒައިދާން އަހުމަދުއެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ހޯދީ ޒައިދާންއެވެ.
މެޗަށްފަހު ކްލަބް ވެމްކޯގެ ކޯޗު އަހުމަދު ނިސާމް ބުނީ ދެޓީމުގައިވެސް ތިބީ ދާދި އެއްވަރެއްގެ ކުޅުންތެރިން ކަމަށާއި މެޗުން މޮޅުވީ މެންޓަލީގޮތުން ވަރަށް ބޮޑަށް ކުޅުންތެރިން ތައްޔާރުކުރެވުމުން ކަމަށެވެ.
ޕެނަލްޓީ އަކީވެސް ކޮންމެ ދުވަހަކު ޕްރެކްޓިސްގައި ތައްޔާރުވާ އެއްޗެއް ކަމަށާއި ޓީމުގެ ކީޕަރު ޒައިދާން ޕްރެކްޓިސްގައިވެސް ގިނަ ޕެނަލްޓީތަކެއް މަތަކުރާ ކަމަށާއި މިމެޗުގައި ފެނިގެންދިޔައީ އެމަންޒަރުކަމަށްވެސް ވެމްކޯގެ ކޯޗު ނިސާމް ފާހަގަކުރިއެވެ.

އެސް.ޓީ.އޯ ރެކްރިއޭޝަން ކްލަބްގެ ކޯޗު އަހުމަދު ނިޔާޒް ބުނީ މިވަރުގެ މެޗެއްގައި ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި ޕެނަލްޓީއަކީ އަބަދުވެސް ފިފްޓީ ފިފްޓީ އެއްޗެއް ކަމަށެވެ.
އެސް.ޓީ.އޯ ޓީމުގެ ކޯޗު ނިޔާޒް ވަނީ މިމެޗަށް ފަހުވެސް މުބާރާތުގެ ރެފްރީންގެ ޕާފޯމަންސް ވަރަށް ދައްކަމަށްބުނެ ރެފްރީންނަށް އަދި ކްލަބް މޯލްޑިވްސްއަށްވެސް ފާޑުކިޔާފައިއެވެ.