ޚަބަރު

ރޯދަމަހު އަލިފާނުގެ ޚާދިސާތަކުން ރައްކާތެރިވުމަށް އިތުރަށް ސަމާލްވާންޖެހޭ!


އަލިފާނުގެ ހާދިސާތައް މަދުކުރުމަށް، އާންމުން ހޭލުންތެރިކުރުމަށް "ފަޔަރ ޕްރިވެންޝަން ވީކް 2019"ގެ ނަމުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް އެންޑް ރެސްކިއު ސަރވިސްއިން ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމަކީ ރޯދަމަހަށް ޚާއްސަކޮށްގެން ފެށި ޕްރޮގްރާމެކެވެ.

ވޭރުވެދިޔަ 4 މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި އަލިފާނުގެ 86 ހާދިސާ ހިންގާފައިވެއެވެ. މި ޙާދިސާތަކުގެ ތެރޭގައި މީހުންގެ މުދަލަށް ބޮޑެތި ގެއްލުންވި ޚާދިސާތަކެއްވެސް ހިމެނެއެވެ.

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުއިން ވިދާޅުވީ ގިނަ ޙާދިސާތަކަކަކީ އަމިއްލަ އިޙުމާލުން ހިންގާފައިވާ ޙާދިސާތަކެއްކަމަށެވެ. އެގޮތުން ކަރަންޓާއި ގުޅުންހުރި 18 ހާދިސާއަކާއި، ކެއްކުމާއި ގުޅުންހުރި 16 އަލިފާނުގެ ޙާދިސާ ހިމެނެއެވެ. މީގެތެރޭގައި ބާ ގޭސްފުޅި ބޭނުންކުރުމުގެ ސަބަބުން ގޭސް ލީކުވުމާއި، ކަންކަން އުދުމަށްފަހު ބަލަންޖެހޭވަރަށް ނުބެލުމުގެ ސަބަބުން ހިނގާފައިހުރި އަލިފާނުގެ ހާދިސާތައްވެސް ހިމެނެއެވެ.

ރޯދަމަހާއި ދިމާކޮށް އެމްއެންޑީއެފުން މި ފެށި "ފަޔަރ ޕްރިވެންޝަން ވީކް" ޕްރޮގްރާމަކީ، ރޯދަމަހަކީ ބަދިގޭގައި ހޭދަކުރާ ވަގުތު އިތުރު މަހަކަށްވުމުން، ބަދިގޭގައި ހިނގާ އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް އާންމުން ހޭލުންތެރިކުރުވުމަކީ މުހިންމު ކަމެއްކަމުން ފެށި ޕްރޮގްރާމެއްކަމަށެވެ.

މި ޕްރޮގްރާމްގައި، އަލިފާނުގެ ނުރައްކަލަށް ހޭލުންތެރިކުރުވުމުގެ ތިއަރީ އާއި ޕްރެކްޓިކަލް ސެޝަންތަކާއި، އޮފީސް މާހައުލާއި ގޭތެރޭގައި ދިމާވެދާނެ ނުރައްކާތެރި އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތްތައް ކިޔައިދީ ހޭލުންތެރިކުރާނެއެވެ. އަދި ކައްކާ ގޭސް ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި، އަލިފާން ރޯވެއްޖެނަމަ ނިއްވާލާނެ ގޮތުގެ ލައިވް ޑެމޮންސްޓްރޭޝަންވެސް ދައްކާލުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

މި ޕްރޮގްރާމްގައި އަލިފާނުން ރައްކާތެރިވުމަށް ކުރިއާލާ އެޅިދާނެ ފިޔަވަޅުތަކާއި، އަލިފާންނުގެ ޙާދިސާއެއް ހިނަގައިފިނަމަ ޢަމަލުކުރާނެގޮތާއި، އަދި އެކަމާއި ގުޅޭ މަޢޫލޫމާތު ޙިއްސާ ކުރުން ހިމެނެއެވެ.

އެއް ހަފްތާއަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެތެރެއިން މިހާރުވަނީ މާލޭ ސިޓީ ކައުންސިލްގެ މުއައްޒަފުންނަށް އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވާނެ ގޮތުގެ ޕްރޮގްރާމެއް ހިންގާފައެވެ. އަދި މިއަދު ހަވީރު ހަތަރަކުން ހަޔަކަށް ވިލިމާލޭގައި ހުންނަ އެމްޓީސީސީ ފެރީ ސަރަޙައްދުގައިވެސް އާއްމުކޮށް ހުޅުވާލައިގެން ޕްރޮގްރާމް ކުރިއަށްގެންދާނެއެވެ.

މީގެ އިތުރުން މިހަފްތާގެތެރޭގައި މާލޭގައި ބިލަބޮންގް ސްކޫލް ކުރިމަތިން އޮންނަ ހުސް ބިމާއި، ސިނަމާލެ ފްލެޓްތައް ކައިރިއާއި، ތާޖުއްދީން ސްކޫލްގެ އިތުރުން، ހުޅުމާލެ ޗައިނާ ފްލެޓް ޕާކު ސަރަޙައްދުގައިވެސް ކުރިއަށްގެންދާނެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެމްއެންޑީއެފްގެ އޭރިއާތައް ހިމެނޭ ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން ބައެއް ރަށްރަށުގައިވެސް މި ހަފްތާގެ ތެރޭގައި މި ޕްރޮގްރާމް ކުރިއަށްގެންދާނެކަމަށެވެ.

އެމްއެންޑީއެފުންގެންދަނީ ރޯދަމަހާއި ދިމާކޮށް ކޮންމެ އަހަރަކުވެސް މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.