ޚަބަރު

18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ފައިނަލުން ޕޮލިސް ކްލަބް ޖާގަ ހޯދައިފި



ކްލަބް އިމިގްރޭޝަން ބަލިކޮށް އެއިޓީން ތާޓީ ވުމަންސް ފުޓްސަލް ފިއެސްޓާގެ ފައިނަލުން އެންމެ ފަހުގެ ރަނަރަޕް ޕޮލިސް ކްލަބް ޖާގަ ހޯދައިފިއެވެ.
މިދިޔަ އަހަރުގެ މުބާރާތުގެވެސް ފައިނަލްގައި ކުޅުނު ޕޮލިސް ކްލަބް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު މުބާރާތުގެ ސެމީފައިނަލްގެ ދެވަނަ މެޗުގައި ކްލަބް އިމިގްރޭޝަން އަށެއް ފަހަކުން ބަލިކޮށްގެންނެވެ.
މިމެޗުގައި ފެނިގެންދިޔަ ތޭރަ ލަނޑުގެ ތެރެއިން ބާރަ ލަނޑު ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފްގައެވެ.
މެޗުގެ ފުރަތަމަ ހާފް ލަނޑެއް ނުފެނި ނިމެންދަނިކޮށް މެޗުގައި ޕޮލިސް ކްލަބުން ލީޑް ނެގީ ފުރަތަމަ ހާފް ނިމެން ސިކުންތުކޮޅަކަށް ވެފައި ވަނިކޮށެވެ.
މިލަނޑު ކާމިޔާބުކޮށްދިނީ ޕޮލިސް ކްލަބްގެ ބިދޭސީ ފޯވާޑް އާންއެވެ.
މިމެޗުގައި އާން ވަނީ ޖުމްލަ ހަ ލަނޑު ޖަހާފައެވެ.
މެޗުގެ ދެވަނަ ހާފްގެ ފުރަތަމަ މިނެޓުގައި ކްލަބް އިމިގްރޭޝަންގެ ބިދޭސީ ކުޅުންތެރިއާ ރާނީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ނަމަވެސް ދެވަނަ ހާފް ވެގެންދިޔައީ ދެޓީމުންވެސް ވަރަށް އެޓޭކިންގ ގޭމެއް ކުޅެ ގިނަ ގޯލްތަކެއް ފެނިގެންދިޔަ ހާފަކަށެވެ.
ޕޮލިސް ކްލަބުން މެޗުގައި ޖެހި އަށް ލަނޑުގެ ތެރެއިން ހަ ލަނޑު އާން ކާމިޔާބުކޮށްދިންއިރު އެޓީމުގެ އަނެއް ދެލަނޑު ޖަހައިދިނީ ތީބާ އާއި ސަވިތްރީއެވެ.
މިމެޗުގައި ކްލަބް އިމިގްރޭޝަންގެ ރާނީވެސް ވަނީ ހަތަރު ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.
އާނީ ހަތަރު ލަނޑު ޖެހި އިރު އިމްގްރޭޝަންގެ ފަސްވަނަ ލަނޑު ޖަހައިދީ މައުލީނާއެވެ.
މެޗަށްފަހު ޕޮލިސް ކްލަބްގެ ކޯޗު އަލީ ފަހުމީ ބުނީ މެޗުން މޮޅުވުމުން ބޭނުންވި ނަތީޖާ ފެނިގެންގޮސްފި ކަމަށާއި މެޗަށް ނިކުތީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ.
އަދި މެޗަށް ނިކުތްއިރުވެސް މެޗުން މޮޅުވެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތްކަމަށްވެސް ޕޮލިސް ކްލަބްގެ ކޯޗު ބުންޏެވެ.

މެޗުން ބަލިވި ކްލަބް އިމިގްރޭޝަން ޓީމުގެ ކޯޗު އަހުމަދު ނިޔާޒް ވަނީ މެޗަށްފަހު މެޗަށް އިންސާފުކުރި ރެފްރީންގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ނިޔާޒް ބުނީ ޓީމާއެކު މަސައްކަތް ކުރަން ލިބުނު ކުޑަދުވަސްކޮޅާ އަޅާބަލާއިރު ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭކަމަށެވެ.
އަދި މުބާރާތައް ތައްޔާރުވާން ލިބުނީ އެންމެ ތިން ދުވަސް ކަމަށްވެސް ނިޔާޒް ބުންޏެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލްގައި ޕޮލިސް ކްލަބް ބައްދަލުކުރަން ޖެހޭނީ މިދިޔަ އަހަރުގެވެސް ފައިނަލްގައި ކުޅުނު އެމް.ޕީ.އެލްއާއިއެވެ.
މިދެޓީމް މިދިޔަ އަހަރު ކުޅުނު ފައިނަލް މެޗު ނިމުނީ އެކެއް އެކަކުން ދެޓީމް އެއްވަރުވެގެންނެވެ.
އަދި ޕެނަލްޓީ ޖަހައިގެން ޕޮލިސް ކްލަބް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެމް.ޕީ.އެލްއެވެ.