ޚަބަރު

ޔޫ.އެންގެ ރެޒިޑެންޓް ކޯޑިނޭޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި


އ.ދ. އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ އަދި އ.ދ.ގެ ތަރައްޤީގެ ޕްރޮގްރާމް، ޔޫ.އެން.ޑީ.ޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޝޯކޯ ނޯޑާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫ.އެން.ޑީ.ޕީ. އިން ވޭތުވެދިޔަ ދުވަސްތަކުގައި ކޮށްދެއްވާފައިވާ މުހިންމު ކަންތައްތަކާއި އަދި މިހާރު ކޮށްދެއްވަމުން ގެންދަވާ ކަންތައްތަކާއި، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ކޮށްދެއްވާފައިވާ ކަންތައްތައް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޝޯކޯ ނޯޑާގެ ދައުރުގައި އެކަމަނާ އިސްނަންގަވައިގެން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ޝޯކޯ ނޯޑާ ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ހެޔޮ ބަސްފުޅުތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ރާއްޖޭގެ ޤާނޫނު އަސާސީގައިވާ ހައްޤުތަކާއި، މިނިވަންކަން ހޯދައިދިނުމުގައި މިހާރު އިތުރު ބާރެއް ލިބިފައިވާކަމަށާއި، ރާއްޖޭގެ ޑިމޮކްރަސީގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމުގައި ޝޯކޯ ނޯޑާ ވިދާޅުވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ޝޯކޯ ނޯޑާ ވަނީ ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ލާމަރުކަޒީ ކުރުމާއި، އަންހެނުން ބާރުވެރިކުރުމާއި، އިޤްތިޞާދު ކުރިއެރުވުމަށް ގެންގުޅުއްވާ ސިޔާސަތުތަކަށް ތާއީދުކުރައްވައި އެކަންކަން ހާސިލުކުރުމުގައި ޔޫ.އެން.ޑީ.ޕީ. އިން އެއްބާރުލުން ދެވެން އޮތް މިންވަރަކުން އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން އެކަމަނާ ވަނީ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ހޯއްދެވި ކާމީޔާބީއަށާއި، ނިމިދިޔަ ރައްޔިތުން މަޖިލިސް އިންތިޚާބުގައި ސަރުކާރުން ހޯދި ފުރިހަމަ ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެފައެވެ. އެކަމަނާ ވިދާޅުވީ ރައްޔިތުން ސަރުކާރަށް މި ދެއްވި ތާއީދަކީ ސަރުކާރުގެ ޝަރުޢީ ސިޔާސަތުތައް ތަންފީޒުކުރުމަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމުގައެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އަލަށް އިންތިޚާބުވި ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ދޭނެކަމަށް އުންމީދުކުރައްވާ ކަމުގައި ޝޯކޯ ނޯޑާ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުން ނިންމަވާލައްވަމުން، ޝޯކޯ ނޯޑާ ވަނީ ފާއިތުވި ގިނަ އަހަރުތަކެއްގައި ރާއްޖޭގައި އެކަމަނާ މަސައްކަތްކުރެއްވީ ވަރަށް ހިތްޕުޅު ހަމަޖެހިވަޑައި ގަތުމާއެކުގައިކަން ފާހަގަކުރައްވައި ރާއްޖެއާއިމެދު އެކަމަނާގެ ހިތްޕުޅުގައި އުފެދިފައިވާ ޝުޢޫރުތައް ހާމަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ޝޯކޯ ނޯޑާ ރާއްޖެއަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި އެކަމަނާއަށް ޝުކުރު އަދާކުރައްވައި އެކަމަނާއަށް ބާއްޖަވެރި ކާމިޔާބު ކުރިމަގަކަށް އެދިވަޑައިގެންފައެވެ.