ޚަބަރު

މައުނަވީ ތަރިކަ ޙިމާޔަތްކުރުމަށް ހެރިޓޭޖުން ޚާއްސަ މަސައްކަތްކެއް


ދިވެހިރާއްޖޭގެ މަޢުނަވީ ތަރިކަ ޚިމާޔަތްކޮށް ރައްކާތެރިކުރާނެ ގޮތްތައް ދަސްކޮށްދިނުމުގެ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

ޔުނެސްކޯއާއި ގުޅިގެން ކުރިއަށްގެންދާ މި ބައްދަލުވުމަކީ މަޢުނަވީ ތަރިކަ ދެނެގަންނާނެ ގޮތާއި، ތަރިކައަކީ ސައްޙަ އެއްޗެއްކަން ދެނެގަތުމަށް ކުރެވިދާނެ މަސައްކަތްތަކާއި، ތަރިކަ ރައްކާތެރިކޮށް ޚިމާޔަތް ކުރާނި ގޮތްތައް ކިޔައިދިނުމަށްޓަކައި ކުރިއަށްގެންދާ މައްދަލުވުމެކެވެ.

ތަރިކަ ދެބަޔަކަށް ބެހިފައިވާއިރު، މައުނަވީ ތަރިކައިގެތެރޭގައި ހިމެނެނީ ޤައުމެއްގެ ނުވަތަ މުޖުތަމަޢުއެއްގެ ޚާއްސަ އާދަކާދަ އާއި، ލަވަޔާއި، ވާހަކަދައްކާ އުޅުނު ގޮތްތަކާއި، ކުޅެ އުޅުނު ކުޅިވަރާއި، ސަޤާފީ ހަރަކާތްތަކާއި، އިހު ކޮށްއުޅުނު މަސައްކަތްތަކާއި، ބޭސްވެރިކަންފަދަ، ދިރިއުޅުމުގެ އާދަތަކާއި ގުޅުން ހުރި ކަންކަމެވެ.

މި މަސައްކަތު ބައްދަލުވުމާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން ޑިޕަރޓްމަންޓް އޮފް ހެރިޓޭޖްގެ ޕްރޮޖެކްޓް އޮފިސަރ ޝައިހާ އަޙްމަދު ވިދާޅުވީ، މިހާތަނަށް މައުނަވީ ތަރިކައައި ގުޅޭ މަޢުލޫމާތު އެއްކޮށްފައިވަނީ ހަމައެކަނި ފޮތްތަކުންކަމަށެވެ.
ނަމަވެސް މި މަސައްކަތު ބައްދަލުވުން މެދުވެރިކޮށް، ފޮތްފޮތުގައި ލިޔެފައިވާ މަޢުލޫމާތުގެ އިތުރުން، އަޑާއި، އަދި ފޮޓޯ ނުވަތަ ވިޝުއަލް ޑޮކިއުމަންޓް ހަދާނެގޮތް ކިޔައިދޭނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ މައުނަވީ ތަރިކައާއި ގުޅޭ މުއްސަނދި އިންވެންޓްރީއެއް ހެދުންކަމަށެވެ.

" ރަށްރަށަށް ގޮސް، މައުނަވީ ތަރިކައާއި ގުޅޭ މަޢުލޫމާތުތައް އެއްކޮށް، ބޭނުންވަނީ އާއްއަމުނަށް އެކްސެސްވެވޭ ތަރިކައިގެ މަޢުލޫމާތު ހިމެނޭ ޕޯޓަލްއެއް ޤާއިމުކުރަން، މިހާރު މި މަސައްކަތް ކުރަނީ މަޢުލޫމާތު އެއްކުރަން." ޝައިހާ ވިދާޅުވިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ނޭޝަނަލް އަކައިވް އާއި، ޑިޕާރޓްމަންޓް އޮފް ހެރިޓޭޖާއި، ނޭޝަނަލް މިއުޒިއަމް، ދިވެހި ބަހުގެ އެކެޑަމީ އަދި ބައެއް ޖަމިއްޔާތަކާއި، ތަރިކަ ޙިމާޔަތްކުރުމަށް އަމިއްލަގޮތުން މަސައްކަތްކުރާ ފަރާތްތައް ހިމެނޭހެން ޖުމްލަ 20 މީހުން ބައިވެރިވިއެވެ.

ބައްދަލުވުމުގައި ސެޝަންތައް ނަންގަވައިދެއްވަނީ މައުނަވީ ތަރިކަ ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ތަޖުރިބާކާރެއް ކަމަށްވާ، ޔުނެސްކޯ ނިއުދިއްލީގެ ޑރ ޝުބާ ޗައުދްރީއެވެ. މި މަސައްކަތު ބައްދަލުވުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 4 ދުވަހުގެ ނިޔަލަށެވެ.

މިނިސްޓްރީ އޮފް ހެރިޓޭޖުން ދާދިފަހުންވަނީ ރާއްޖޭގައި ހުރި ސަޤާފީ ތަރިކައިގެ ވަގުތީ ލިސްޓެއްވެސް އެކުލަވާލާފައެވެ. މި ލިސްޓުގައި، އާސާރީ ބިނާތަކާއި، މިސްކިތްތަކާއި، ޒިޔާރަތްފަދަ ތަންތަން ހިމެނޭހެން، 400 އަށްވުރެ ގިނަ ތަން ހިމެނެއެވެ.