ޚަބަރު

ހުޅުމާލޭ ހޮސްޕިޓަލުގައި އެމްއާރުއައިގެ ޚިދުމަތް ފަށައިފި


ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު އެމްއާރުއައިގެ ޚިދުމަތްދޭން ފަށައިފިއެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި އެމްއާރުއައިގެ ޚިދުމަތް ފަށާފައިވާއިރު، ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން ވަނީ އެ ހޮސްޕިޓަލުގައި ޤާއިމްކުރި ރޭޑިއޮލޮޖީ ޑިޕާޓްމަންޓް ހުޅުވައިދެއްވާފައެވެ.

މިކަމަށްޓަކައި ހުޅުމާލޭ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވީ، އަދުގެ ސަރުކާރުގެ އަމާޒަކީ ސިއްޙީ ޚިދުމަތް ހޯދުމަށް މާލެ ދާން ނުޖެހޭވަރަށް، ހުޅުމާލެސިޓީގައި ސިއްޙީ ޚިދުމަތް ތަރައްޤީކުރުންކަމަށެވެ.

ހެލްތް މިނިސްޓަރ ވިދާޅުވީ ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނައިރު، އާބާދީއަށް ޚިދުމަތްދެވޭ ފެންވަރަށް ހުޅުމާލޭގައި ސިއްޙީ ޚިދުމަތް ޤާއިމުކުރާނެކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި ސިއްޙީ ޚިދުމަތް ހޯދާ އެތައް ބަޔަކު އުޅޭއިރު، ޚިދުމަތްތައް ހޯދުމަށް މާލެއަށް ދާންނުޖެހި ހުޅުމާލެއިން އެ ޚިދުމަތްތައް ދިނުމަކީ އަދުގެ ސަރުކާރުގެ އަމާޒްކަމަށެވެ.

އައިޖީއެމް ހޮސްޕިޓަލަކީވެސް ގިނަ ބަޔަކު ޚިދުމަތް ހޯދާ ތަނަކަށްވާއިރު، ޚިދުމަތް ހޯދުމަށް ހޭދަކުރަން ޖެހޭ ވަގުތު ކުޑަކުރުމަށް، ހުޅުމާލެއިން އެ ޚިދުމަތްތައް ލިބޭނޭމަގު ފަހިކޮށްދޭނޭކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުން އެބަހުރި، އައިޖީއެމް ހޮސްޕިޓަލަށްވުރެ ފުޅާކޮށް ހުޅުމާލެއަށް ސިއްޙީ ޚިދުމަތް ދޭން. ނަމަވެސް މީހުން ނާއި ވަސީލަތްތައް ހޯދުމާއި، އަދި އާ ޚިދުމަތްތައް ތާރަފްކުރުމުގެ ގޮންޖެހުންތައް އެބަހުރި." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ އާ ރޭޑިއޮލޮޖީ ޑިޕަރޓްމަންޓުން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި އެކްސްރޭ ނެގުމާއި، އަލްޓްރާ ސައުންޑް ސްކޭން ހެދުމުގެ އިތުރުން އެމްއާރްއައި ހެދުމުގެ ޚިދުމަތްވެސް ލިބޭނެއެވެ. އަލަށްފެށި އެމްއާރްއައި ޚިދުމަތުގެ ސަބަބުން ކެންސަރާއި، ނާރުގެ ބަލިތަކާއި ސިކުނޑީގެ ބަލިތައްފަދަ ބޮޑެތި ބަލިތަކަށް ހުޅުމާލޭ ހޮސްޕިޓަލުން ޓެސްޓްތައް ހެދޭނެއެވެ.

ހުޅުމާލެ ހޮސްޕިޓަލް ވަގުތީގޮތުން ހިންގުމާއިހަވާލުވެ ހުންނެވި ނާހިދާ ހަމީދު ވިދާޅުވީ ކުރިން 8 ގަޑިއިރު ޚިދުމަތްދިން ހުޅުމާލެ ހޮސްޕިޓަލަކީ މިހާރު، 24ގަޑިއިރު ޚިދުމަތްދޭ، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް އެންމެ ޒަމާނީ ވަސީލަތްތަކާއިއެކު ލިބޭ ހޮސްޕިޓަލަކަށް ބަދަލުކުރެވިފައިވާކަމަށެވެ. އެގޮތުން އިތުރު ޚިދުމަތްތައް އެ ހޮސްޕިޓަލަށް ތާރަފްކުރުމަށް ތައްޔާރުވަމުންދާކަމަށް ނާހިދާ ވިދާޅުވިއެވެ.

"ކެންސަރުގެ ފަރުވާއަށްދެވޭ އޮންކޮލޮޖީ ޚިދުމަތް ރާއްޖޭގައި އެންމެ ފުޅާދާއިރާގައި ދެމުން އަންނަ އެއް ހޮސްޕިޓަލަކީ ހުޅުމާލެ ހޮސްޕިޓަލް. ވަރަށް އަވަހަށް ސީޓީ ސްކޭންގެ ޚިދުމަތްވެސް ފަށާނަން" ނާހިދާ ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ދަނީ އަދި އުރަމަތީގެ ކެންސަރު ހުންނަ މީހުން ސްކްރީން ކުރުމަށް ހަދާ މެމޮގްރަފީގެ ޚިދުމަތްވެސް ތައާރަފްކުރުމަށް ތައްޔާރުވަމުންނެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ޚިދުމަތް ފެށިތާ މިމަހުގެ 7ވަނަ ދުވަހަށްވަނީ 15އަހަރު ފުރިފައެވެ.