ކުޅިވަރު

ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓަރ ފައިނަލަށް ބީ.އެމް.އެލް ދަތުރުކޮށްފި


ފަސޭހަ ކަމާއެކު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ބަލިކޮށް ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓަރ ފައިނަލަށް ބޭންކް އޮފް މޯލްޑިވްސް ބީ.އެމް.އެލް ދަތުރުކޮށްފިއެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ދެވަނަ ބުރުގައި ރޭ ބީ.އެމް.އެލް އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ބައްދަލުކުރި މިމެޗު ބީ.އެމް.އެލް ކާމިޔާބުކުރީ ހަތެއް ސުމަކުންނެވެ. މިމެޗުގައި ބީ.އެމް.އެލްގެ ފުރަތަމަ ލަނޑު މެޗުގެ ފަސްވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނާޝިދް (ނާޓޭ)އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ބޭންކް ޓީމުގެ އަލީ ހާފިޒް ވަނީ އިތުރު ދެ ލަނޑު ޖަހާ ލީޑް ތިން ލަނޑަށް ފުޅާކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފްގައި ހަތަރު ވަނަ މިނެޓުގައި އިޝާން އިބްރާހިމް(ސައްޓު) ލަނޑެއް ޖަހާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ހިތްވަރު އެއްކޮށް އެލުވާލިއެވެ. ބޭންކްގެ ފަސް ވަނަ ލަނޑު އެޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ނާއްޓޭއެވެ. ފަސް ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ލީޑް ކުރަމުންދިޔަ ބީ.އެމް.އެލް ޓީމަށް އިތުރު ދެ ލަނޑު ޖަހައިދީ ހެޓްރިކް ހެދީ އިބްރާހިމް އިޝާން(ސައްޓު)އެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ހޯދީ ސައްޓުއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބީ.އެމް.އެލް ޓީމުގެ ކޯޗު އިސްމާއިލް އަނިލް ބުނީ މިހާސިބުން ކުޅޭ އެއްވެސް މެޗަކީ ފަސޭހަ މެޗެއް ނޫންކަމަށާއި ކޮންމެ މެޗަކާވެސް ކުރިމަތިލަނީ އެ ސީރިއަސްކަން މަތީގަކަމަށެވެ.
އަނިލް ބުނީ މިމުބާރާތާއި އޭނާ ކުރިމަތިލީ ބޭންކް ޓީމަށް ތަށި ހޯދައިދޭން ކަމަށާއި މަސައްކަތް ކުރާނީ އެއަމާޒަށް ވާސިލް ވާން ކަމަށެވެ.

ކްލަބް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކެޕްޓަން ނަސީފް ހަސަން ސައީދް(ޕޭޓު) ބުނީ ޓީމު މިމުބާރާތާ ކުރިމަތިލި ޓާގެޓް ހާސިލްވެއްޖެ ކަމަށާއި އެއީ ގްރޫޕް ސްޓޭޖް ފަހަނައަޅާ ދެވަނަ ބުރަށް ދަތުރުކުރުން ކަމަށެވެ. މުބާރާތާ ކުރިމަތިލީވެސް މާރަނގަޅު ތައްޔާރީތަކަކާ ނުލާކަމުން މިސާބަށް އާދެވުމުންވެސް ވަރަށް ހިތްހަމަ ޖެހޭކަމަށްވެސް ޕޭޓު ބުންޏެވެ.