ޚަބަރު

ސްރީ ލަންކާގައި ހައްޔަރުކުރި 4 ދިވެހިން ދޫކޮށްލަން ނިންމައިފި


ސްރީ ލަންކާގައި ދިން ބޮމުގެ ޙަމަލާތަކާއި ގުޅިގެން އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ހިންގާ ޚާއްސަ އަސްކަރީ އޮޕަރޭޝަންގެ ދަށުން ހައްޔަރުކުރި 6 ދިވެހިންގެ ތެރެއިން 4 ދިވެހިން ދޫކޮށްލަން ނިންމައިފިއެވެ.

ސްރީ ލަންކާގެ މައުންޓް ލެވީނިއާ މެޖިސްޓްރޭޓް ކޯޓުން 4 ދިވެހިން ދޫކޮށްލަން ނިންމީ އެ މީހުން އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީއާއި އެ މީހުންނާއި ދެކޮޅަށް ދައުވާކުރާނެ އެއްވެސް މައްސަލައެއް ނެތުމުންނެވެ. މި 4 ދިވެހިން ހައްޔަރުކުރީ އެ މީހުން ދިރިއުޅޭ އެޕާޓްމަންޓުން އެއަރ ރައިފަލްތަކެއް ފެނުމުންނެވެ. ނެގަންބޯގައި ހުންނަ އެ މީހުންގެ އެޕާޓްމަންޓުން އެއަރ ރައިފަލްތައް ފެނުނީ ސްރީ ލަންކާގެ ސަލާމަތީ ބާރުތަކުން އެ އެޕާޓްމަންޓް ބަލާފާސްކުރަނިކޮށެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އެ މީހުން އެ އެއަރ ރައިފަލްތައް ގަނެފައިވަނީ ސްރީ ލަންކާއިންނެވެ. ނަމަވެސް، އެ މީހުން ހައްޔަރުކުރީ އެއާއިގުޅޭ ލިޔެކިއުންތައް ނެތުމުންނެވެ.

މި މީހުންގެ އިތުރުންވެސް 2 ދިވެހިންވަނީ ކޮލޮންބޯއިން ހައްޔަރުކޮށްފައެވެ. އަދި ކޯޓަށް ގެންދިއުމުން އެ މީހުންގެ ބަންދަށްވަނީ 13 ދުވަސް ޖަހާފައެވެ. ބަންދާގުޅޭގޮތުން ގޮތެއް ނިންމުމަށް އެ މީހުން އަނެއްކާވެސް މެއި މަހުގެ 10ވަނަ ދުވަހު ކޯޓަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އެ މީހުން ހައްޔަރުކުރީ އެ މީހުން ދިރިއުޅޭ އެޕާޓްމަންޓުން އައިއެސް ޖަމާޢަތާއި ގުޅޭ ފޮތެއް ފެނުމުންނެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އެ މީހުންނަކީ ސްރީ ލަންކާގައި އިންޓަނޭޝަނަލް ރިޅޭޝަންސް ކިޔަވަމުންދާ ދަރިވަރުންތަކެކެވެ. އަދި އެ މީހުން އެ ފޮތް ގަތީވެސް ސްރީ ލަންކާގެ ބުކްޝޮޕަކުންނެވެ.

އާދީއްތަ ދުވަހުގެ ޓެރަރިސްޓު ޙަމަލާތަކަށްފަހު ސްރީ ލަންކާގެ ސަލާމަތީ ބާރުތަކުން މިހާރު ކުރިއަށްގެންދަނީ ޒީރޯ ޓޮލަރެންސް އޮޕަރޭޝަނެކެވެ. އަދި ކިރިޔާ ޝައްކެއްވާނަމަވެސް އެއްވެސް ސުވާލުކުރުމެއްނެތި ދަނީ މީހުން ހައްޔަރުކުރަމުންނެވެ.

މި ދުވަސްވަރު ކޮންމެހެން ދާން ޖެހޭ ތަންތަނަށް ނޫނީ ނުދިއުމަށާއި މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ސްރީ ލަންކާގައި ތިބި ދިވެހިންނަށް ކޮލޮންބޯގައި ހުންނަ ދިވެހި އެމްބަސީން އިލްތިމާސްކުރެއެވެ. އަދި ބޭރުގައި އުޅޭއިރު ޕާސްޕޯޓް ގެންގުޅުމާއި ވިސާގެ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ވީހާވެސް އަވަހަށް ޙައްލުކުރުމަށްވެސް ދިވެހި އެމްބަސީން އިލްތިމާސްކުރެއެވެ.