ޚަބަރު

ސްރީލަންކާގައި ސަލާމަތީ ބާރުތަކާއި ތުހުމަތުކުރެވޭ ބަޔަކާ ދެމެދު ކުރިމަތިލުންތަކެއް ހިނގާ 15 މީހުން މަރުވެއްޖެ


ސްރީލަންކާގެ އިރުމަތީގައި ސަލާމަތީ ބާރުތަކާއި ތުހުމަތުކުރެވޭ ބަޔަކާ ދެމެދު ބަދަލުކުރި ބަޑީގެ ހަމަލާތަކަކަށްފަހު މަރުވެފައިވާ 15 މީހެއްގެ ހަށިތައް އެ ސަރަޙައްދުން ފެނިއްޖެއެވެ. މީގެ ތެރޭގައި 6 ކުޑަކުދިންވެސް ހިމެނެއެވެ.

ސަލާމަތީ ބާރުތަކާއި ތުހުމަތުކުރެވޭ ބަޔަކާ ދެމެދު ހަމަލާބަދަލުކުރަން ފެއްޓީ ތިން މީހަކު ސޭފް ހައުސްއަކަށް ވަދެ، އެއްޗެހިތަކެއް ގޮއްވާލުމުންކަމަށް ފުލުހުންގެ ތަރުޖަމާނު މަޢުލޫމާތުދެއެވެ. ފުލުހުންގެ ތަރުޖަމާނަކު މަޢުލޫމާތު ދިން ގޮތުގައި ރޭ ބަދަލުކުރި ބަޑީގެ ހަމަލާތަކަކަށްފަހު ފެނުނު ހަށިތަކުގެ ތެރޭގައި، އަމިއްލައަށް ގައިގައި ގޮވާތަކެތި ހަރުކޮށްގެން ހަމަލާދިން ތިން މީހުންގެ ހަށިތައްވެސް ހިމެނެއެވެ. 6 ކުޑަކުދިންނާއި 3 އަންހެނުން މަރުވެފައިވަނީ އެ ތިން މީހުން ދިން ހަމަލާގައެވެ.

ސަލާމަތީ ބާރުތަކުން އެ ގެއަށް ވަދެ ބަލައި ފާސްކުރުމުގައި، އެ ގޭގައި ގިނަ ޢަދަދެއްގެ ގޮވާތަކެތި ގުދަންކޮށްފައި ހުއްޓައި ވަނީ ފެނިފައެވެ. ފުލުހުންގެ ތަރުޖަމާނު ބުނީ، ބެލެވޭގޮތުގައި އެ ތިން މީހުންނަކީވެސް މިދިޔަ ހަފުތާގައި ލަންކާއަށް ދިން ހަމަލާތައް ދިންކަމަށް ތުހުމަތުކުރެވޭ ނޭޝަނަލް ތައުހީދު ޖަމާޢަތަށް ނިސްބަތްވާ ދިން މީހުންނެވެ.

ގުދަންކޮށްފައިހުރި ގޮވާތަކެތީގެ އިތުރުން، އެތަކެތި ހަދަން ބޭނުންކުރާނެ ސާމާނުވެސް އެ ސަރަޙައްދުގައި ހުރި އެހެން ގެއަކުން މިހާރު ވަނީ ހޯދާފައެވެ.

ހުކުރު ދުވަހު ފުލުހުން ބުނެފައިވަނީ، ފުލުހުން ހިންގާ ރެއިޑްތަކުގައި އެ ޤައުމުގައި ދިރިއުޅޭ، އައި.އެސް އާ ގުޅުންހުރި 140 މީހަކު ހޯދުމަށް މަސައްކަތްކުރާނެކަމަށެވެ. މިހާތަނަށް ފުލުހުން ވަނީ، މި ފަދަ 76 މީހުން ހޯދައި ހައްޔަރުކޮށްފައެވެ.