ޚަބަރު

ސްރީލަންކާއިން ރޭ ހައްޔަރުކުރި 2 ދިވެއްސެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި


ރޭ ސްރީލަންކާއިން ހައްޔަރުކުރި ދެ ދިވެއްސެއްގެ ބަންދުގެ މުއްދަތު އެޤައުމުގެ ކޯޓުން އިތުރުކޮށްފިއެވެ.

ސްރީލަންކާގެ ކޯޓުން ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ އައިއެސް ޖަމާޢަތާ ގުޅޭ ފޮތެއް ފެނުނު މައްސަލާގައި ހައްޔަރުކުރި، އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ކިޔަވަމުން އަންނަ ދެ ދަރިވަރުންގެ ބަންދުގެ މުއްދަތެވެ. މި ދެ ދަރިވަރުންގެ ބަންދުގެ މުއްދަތު އަންނަ މޭމަހުގެ 10 ވަނަ ދުވަހާ ހަމައަށް ވަނީ އިތުރުކޮށްފައެވެ.

އާދީއްތަދުވަހު ސްރީލަންކާގައި ދިން ޓެރަރިސްޓު ޙަމަލާއާ ގުޅިގެން މިހާރު އެޤައުމުގެ ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި ރޭ ވަނީ މި ދެ މީހުންނާއެކު ޖުމްލަ 6 ދިވެއްސަކު ހައްޔަރުކޮށްފައެވެ.

ރޭ ހައްޔަރުކުރި 6 ދިވެހިންގެ ތެރެއިން އަނެއް 4 ދިވެހިން ހައްޔަރުކޮށްފައިވަނީ އެއަރ ރައިފަލްތަކެއްގެ މައްސަލާގައެވެ. އެގޮތުން، ނެގަންބޯގައި އެމީހުން ދިރިއުޅޭ ގެއިން ފެނުނު ބަޑިތައް ގަނެފައިވަނީވެސް ސްރީ ލަންކާއިންނެވެ. އަދި އެމީހުންނަށް އެ ބަޑިތައް ވިއްކާފައިވަނީ ފޭކް ލައިސެންސަކާއިއެކުއެވެ.

އާދީއްތަ ދުވަހުގެ ޓެރަރިސްޓު ހަމަލާއަށްފަހު ސްރީ ލަންކާގެ ސަލާމަތީ ބާރުތަކުން މިހާރު ކުރިއަށްގެންދަނީ ޒީރޯ ޓޮލަރެންސް އޮޕަރޭޝަނެކެވެ. އަދި ކިރިޔާ ޝައްކެއްވާނަމަވެސް އެއްވެސް ސުވާލުކުރުމެއްނެތި ދަނީ މީހުން ހައްޔަރުކުރަމުންނެވެ.

މި ދުވަސްވަރު ކޮންމެހެން ދާން ޖެހޭ ތަންތަނަށް ނޫނީ ނުދިއުމަށާއޮ މީހުން ގިނަ ތަންތަނަށް ނުދިއުމަށް ލަންކާގައި ތިބި ދިވެހިންނަށް އެމްބަސީން އިލްތިމާސްކުރެއެވެ. އަދި ބޭރުގައި އުޅޭއިރު ޕާސްޕޯޓް ގެންގުޅުމާއި ވިސާގެ އެއްވެސް މައްސަލައެއް ވާނަމަ އެކަން ހައްލުކުރުމަށްވެސް ދިވެހި އެމްބަސީން އިލްތިމާސްކުރެއެވެ.