ހަފްތާ ބަންދުގައިވެސް ޚިދުމަތް ދެމުންދާނެކަމަށް ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން ވިދާޅުވެއްޖެއެވެ.
ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން ހަފްތާ ބަންދުގައި ޚިދުމަތްދޭން ނިންމާފައިވަނީ މިދިޔަ އާދިއްތަ ދުވަހު ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ.
ދިވެހި އެމްބަސީއިން ގެންދަނީ ލަންކާގައި ދިރިއުޅޭ ދިވެހިން ޢަމަލު ކުރަންވީ ގޮތާއި، ލަންކާ ސަރުކާރުން އަންގާ އެންގުންތައް އެޤައުމުގައި އުޅޭ ދިވެހިންނަށް ވަގުތުން ވަގުތައް އަންގަމުންނެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އެމްބަސީއިން ދެމުން އަންނަ އިރުޝާދުތަކަށް ދިވެހިން ސަމާލުކަން ދިނުމަށްވެސް އެމްބަސީއިންވަނީ އިލްތިމާސް ކުރައްވާފައެވެ.
ބޮމުގެ ހަމަލާތަކަށްފަހު ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާއިރު އެޤައުމުގެ ސަލާމަތީ ބާރުތަކުންދޭ އިރުޝާދުތަކަށް ސަމާލުވުމަށް ސްރީލަންކާގައިހުންނަ ދިވެހި އެމްބަސީން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ސްރީލަންކާގެ ސަލާމަތީ ބާރުތަކުން މީހުންނާއި ގެތައް ބަލާ ފާސްކުރުމަށް ހިންގާ އޮޕަރޭޝަނަށް އެއްބާރުލުންދީ ޕާސްޕޯޓާއި އެނޫންވެސް މުހިންމު ލިއުންތައް ފަސޭހައިން އަތުޖެހޭ ހިސާބުގައި ބެހެއްޓުމަށާއި ކޮންމެހެން ދާންޖެހޭ ތަންތަނަށް ދިއުމަށް ނޫނީ ގެއިން ނިކުމެ ނޫޅުމަށާއި، ދަތުރުފަތުރުކޮށް ނޫޅުމަށްވެސް އެމްބަސީއިންވަނީ އިލްތިމާސްކުރައްވާފައެވެ.
ދިވެހި އެމްބަސީއިންވަނީ އެހީ ބޭނުންވާ ފަރާތްތަކުން އެމްބަސީއާއި ގުޅުމަށް ހޮޓްލައިނެއްވެސް ޤާއިމުކޮށްފައެވެ. މި ނަންބަރުތައް މެދުވެރިކޮށް 24 ގަޑިއިރު ދިވެހި ކޮންސިއުލަރގެ ޚިދުމަތް ލިބޭނެއެވެ. މިދިޔަ އާދީއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި އެއްވެސް ދިވެއްސަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.