ޚަބަރު

އެޗް.ޑީ.ސީ ކަޓުވާލުމަށްފަހު ޕްރިޒަން ކުލަބް، ކުއާރޓާރ ފައިނަލަށް ދަތުރުކޮށްފި


ވަރުގަދަ އެޗް.ޑީ.ސީ ކަޓުވާލުމަށްފަހު ޕްރިޒަން ކުލަބް، ކުލަބް މޯލްޑިވްސް ކަޕްގެ ކުއާރޓާރ ފައިނަލަށް ދަތުރުކޮށްފިއެވެ.
ޕްރިޒަން ކުލަބާއި އެޗް.ޑީ.ސީ ބައްދަލުކުރި ދެވަނަ ބުރުގެ މެޗު ޕްރިޒަން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމްވެސް ވަނީ އެއް ލަނޑު ޖަހާފަ. މެޗްގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑްނެގީ ކުލަބް އެޗްޑީސީއިންނެވެ.
މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސުޖަން އަހުމަދުއެވެ. މެޗްގައި ދެ ޓީމްއަށްވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ، ނަމަވެސް އޭގެ ބޭނުން ނުހިފި ދަނިކޮށް، ޕްރިޒަން ކުލަބްއިން ވަނީ ފަހަތުންއަރާ އެއް ވަރުކޮށްފައެވެ. މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ ޖައިލަމް ޖަމީލްއެވެ.

މެޗް އެއްވަރުވެގެން ނިމުމާއިއެކު ނަތީޖާ ނެރުމަށް ޖެހި ޕްނަލްޓީގައި ޕްރިޒަން ކުލަބް ކުރި ހޯދީ 6 ލަނޑު 5 ލަނޑުންނެވެ. މެޗްއަށްފަހު ޕްރިޒަން ކުލަބްގެ ކޯޗް އާތިފް މުހައްމަދު ބުނީ މެޗުން މޮޅުވުމުގައި ކުޅުންތެރިންގެ ބުރަ މަސައްކަތް ފާހަގަކޮށްލެވޭކަމަށާއި އެޗްޑީސީގެ ކުޅުންތެރިންނަކީ ޕްރިޒަން ކުލަބްގެ ވަކިވަކި ކުޅުންތެރިންނާއި އަޅާބަލާއިރު މޮޅު ކުޅުންތެރިންތަކެއްކަމަށެވެ. އަދި ޕްރިޒަން ކުލަބްއިން އެންމެ ބޮޑަށް އިސްކަންދީފައި ވަނީވެސް ރަގަނޅަށް ޑިފެންސް ކުރުމަށްފަހު ގޯލް ޖެހުމަށްކަމަށްވެސް ކޯޗް އާތިފް ބުންޏެވެ.

ކުލަބް އެޗްޑީސީގެ ކޯޗް އިސްމާޢީލް ޝަރީފް ބުނީ ޕެނަލްޓީ ޖަހައިގެން ބަލިވުމުން، ނަސީބުވެސް އެހީ ނުވިކަމަށް ބުނެވިދާނެކަމަށާއި މެޗްގައި ލިބުނު ފުރުސަތުތަކަށް ބަލާފަ މެޗްގެ ފުރިހަމަ ވަގުތުގައި ނަތީޖާ ނެރެވެން ޖެހޭނެކަމަށް ގަބޫލް ކުރާކަމަށް ކޯޗް އިސްމާއިލް ބުންޏެވެ. އަދި ޕްރިޒަން ކުލަބް ޓީމްއެއްގެ ގޮތުގައި ވަރަށް ރަގަނޅަށް މަސައްކަތް ކުރިކަންވެސް ފާހަގަކޮށްލެވޭކަމަށް ކުލަބް އެޗްޑީސީގެ ކޯޗް އިސްމާޢީލް ޝަރީފް ބުންޏެވެ

މިމުބާރާތުގެ މެޗްތަށް މިރޭވެސް ކުރިއަށްދާނެ.