ދިރާގު ބަލިކޮށް ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ ކުއާޓަރ ފައިނަލުން ކްލަބް އިމިގްރޭޝަން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ދެވަނަ ބުރުގައި ރޭ ދިރާގާއި އިމިގްރޭޝަން ބައްދަލުކުރި މެޗު އިމިގްރޭޝަން ކާމިޔާބުކުރީ ތިނެއް ސުމަކުންނެވެ.
މިމެޗު ބޮޑަށް ޑޮމިނޭޓްކޮށްގެން މޮޅަށް ކުޅުނީވެސް އިމިގްރޭޝަން ޓީމުން. އެހެންނަމަވެސް ފުރަތަމަ ހާފް ނިމިގެންދިޔައީ އެއްވެސް ލަނޑެއް ކާމިޔާބުނުކުރެވިއެވެ. ދިވެހި ޕްރިމިއަރ ލީގުގައި ކުޅޭ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ އިމިގްރޭޝަން ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ ދެވަނަ ހާފްގައި ކާމިޔާބުކޮށްދިނީ މިދިޔަ ސީޒަންގައި ޔުނައިޓެޑް ވިކްޓްރީއިން ފެނިގެންދިޔަ ފޯވާޑް އަލީ ހައިޝަމްއެވެ
އިމިގްރޭޝަންގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ދިވެހި ޕްރިމިއަރ ލީގް ޓީ.ސީ ސްޕޯޓްސް ކްލަބަށް އެންމެ ފަހުން ކާމިޔާބުކޮށްދިން ކެޕްޓަން އަހުމަދު ފައްރާޙްއެވެ. އަދި މެޗުގެ ތިން ވަނަ ލަނޑު އިމިގްރޭޝަންއަށް ޖަހައިދިނީ ޓީ.ސީ ސްޕޯޓްސް ކްލަބުން މިދިޔަ ސީޒަންގައި ވިދާލި އަދި ރާއްޖޭގެ ޤައުމީ ޓީމުގައިވެސް މިހާރު މުހިއްމު ދައުރެއް އަދާކުރަމުންދާ ފޯވާޑް އިބްރާހިމް މަހުދީ ހުސެއިންއެވެ.
މެޗަށްފަހު ކްލަބް އިމިގްރޭޝަންގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މިއީ ވަރަށް މަސައްކަތުން ލިބުނު މެޗެއް ކަމުގައިއެވެ. އަދި އިބްރާހިމް މަހުދީގެ ފަރާތުން ފެނިގެންދިޔަ ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި އޭނާ މެޗަށް އައީވެސް މާޒިޔާ އާއެކު މަހިބަދޫގައި ޓްރެއިނިންގ ކޭމްޕްގައި ހުރެފައި ކަމަށެވެ. އެހެންނަމަވެސް އިއްބެގެ ފަރާތުން ވަރުބަލިކަން ފެނިގެންގޮސްފައި ނުވާކަމަށްވެސް ކޯޗު ބުންޏެވެ.
މިމެޗުން ބަލިވި ދިރާގު ޓީމުގެ ކޯޗަކަށް ހުރީ ނިމިގެންދިޔަ ދެ އަހަރުގެވެސް ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކުރި ކޯޗު އަހުމަދު އިރުފާންއެވެ. މެޗަށްފަހު އިރުފާން ބުނީ ޓީމު ބަލިވިނަމަވެސް ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށް. އަދި މިވަރުގެ މުބާރާތެއްގައި ކާމިޔާބުހޯދޭނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށާއި ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ކަމަށެވެ.