ރާއްޖޭގެ އެހެން މީޑިއާތަކަށްވެސް ކަވަރޭޖް ހެދުމުގެ ހުއްދަ އޮންނަ އެއިވެންޓުތަކުގެ ލައިވްފީޑް ކަވަރުކޮށް ޕީއެސްއެމްއިން ހިލޭ ދޫކުރާނީ އެއީ ޕީއެސްއެމްގެ ކަވަރޭޖެއްކަން އެނގޭނެ ވޯޓަރމާކް ހިމެނުމަށްފަހުކަމަށް އެކުންފުނިން ހާމަކުރައްވައިފިއެވެ.
ޕީއެސްއެމްގެ ލައިވް ފީޑްގައި އެކުންފުނީގެ ވޯޓާރމާކް ހިމަނާތީ ބައެއް ފަރާތްތަކުން ޝަކުވާކުރުމާ ގުޅިގެން ޕީއެސްއެމުން ނެރުނު ބަޔާނެއްގައި ވަނީ ދައުލަތުގެ މުއައްސަސާތަކުން ބާއްވާ އިވެންޓްތަކުގެ ތެރެއިން އެއިވެންޓެއްގައި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނާއިބާއި މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ބައިވެރިވެވަޑައިގަންނަވާ އިވެންޓްތަކާއި، ކުރިމަތިވާ އެކިއެކި ކާރިޘާތަކާއި ޤައުމީ ސަލާމަތާ ގުޅުންހުރި އިވެންޓުތަކާއި ޤައުމީގޮތުން ފާހަގަކުރަންޖެހޭ ބޮޑެތި ކަންކަމާ ގުޅިގެން ދައުލަތުގެ މުއައްސަސާއަކުން ބާއްވާ ހަރަކާތްތަކުގެ ތެރެއިން އެހަރަކާތެއްގެ ވީޑިއޯކޮށް ދުރަށްފޮނުވުމުގެ ނުވަތަ އޯޑިއޯ ރެކޯޑްކޮށް ދުރަށްފޮނުވުމުގެ ފުރުޞަތު ހަމައެކަނި ޕީއެސްއެމަށް އޮންނަ އިވެންޓްތަކުގެ ކްލީން ފީޑް އެއްވެސް އަގަކާ ނުލައި އެހެން ޗެނަލްތަކަށް ކުރިއެކޭ ވެސް އެއްގޮތަށް ދޫކުރަމުން ދާނެކަމަށެވެ.
އެހެން ނަމަވެސް އެހެން ޗެނަލްތަކަށް އެއިވެންޓެއްގެ ކަވަރޭޖު ހެދުމުގެ ހުއްދަ އޮންނަ އިވެންޓް ތަކުގައި ޕީއެސްއެމްގެ ކަވަރޭޖްގެ ފީޑް ހިލޭ ދޫކުރެވޭނީ ޕީއެސްއެމްގެ ކަވަރޭޖެއްކަން އެނގޭނެ ވޯޓާމާކް ހިމެނުމަށްފަހުކަމަށް ބުނެފައިވެއެވެ. އަދި އެފަދަ އިވެންޓުތަކުގެ ކްލީންފީޑް ދޫކުރެވޭނީ ޕީއެސްއެމްގެ ޕީއެސްބީގެ ދަށުން ޚާއްޞަ އަގެއްގެ ގޮތުގައި 500 ރުފިޔާގެ ރޭޓުން ކަމަށްވެސް މިބަޔާނުގައިވެއެވެ.
މިނޫން އިވެންޓްތަކުގެ ފީޑް ދޫކުރަމުންދާނީ ޕީއެސްއެމްގެ ރޭޓް ފޮތުގައި ކަނޑައަޅާފައިވާ ވިޔަފާރި އުސޫލުން ގަޑިއަކަށް 2000 ރުފިޔާގެ ރޭޓުންކަމަށާ، ކޮންމެ އިވެންޓަކަށްވެސް ފީޑް ދޫކުރާނީ ރަސްމީކޮށް އެކަމަށްއެދި ފޮނުވުމުން ކަމަށްވެސް ބުނެފައިވެއެވެ. ކުއްލިއަކަށް ބާއްވާ އިވެންޓްތައް ފިޔަވައި އެހެން އިވެންޓްތައް ފެށުމުގެ 6 ގަޑިއިރު ކުރިން ލައިވްފީޑަސް ރިކުއެސްޓްކުރަންޖެހޭނެކަމަށާ، އެހެންކަމުން އިވެންޓްތަކުގެ ލައިވްފީޑް ދޫކުރުމުގައި ޢަމަލުކުރަމުންދާނީ އެއުސޫލުންކަމަށްވެސް ޕީއެސްމްގެ ބަޔާނުގައިވެވެ.
ޤައުމީ ބޮޑެތި އިވެންޓްތަކުގެ ކަވަރޭޖު ހަދަނީ ޕީއެސްއެމްގެ ޓެކްނިކަލް ޓީމުގެ ބުރަ މަސައްކަތުންކަމަށްވިޔަސް، މިހާތަނަށް އެކަވަރޭޖުތަކުގެ ކްލީން ފީޑު އެހެން ޗެނަލްތަކަށް ޕީއެސްއެމްއިން ދޫކުރަމުން އައީ އެއްވެސް އަގަކާއި ނުލައި ހިލޭކަން އެކުންފުނިން ފާހަގަކުރެއެވެ.