ޚަބަރު

މާރަންދޫ އައު އިންޖީނުގޭގެ ޚިދުމަތް ފަށައިފި


ހއ.މާރަންދޫގައި ފެނަކައިން ޤާއިމުކުރި އައު އިންޖީނުގޭގެ ޚިދުމަށް ފަށަފިއެވެ. ފެނަކައިން ވިޑާޅުވެފައިވަނީ މާރަންދޫ އާ އިންޖީނުގެއާއިއެކު އެރަށަށް 250ކިލޯ ވޮޓްގެ އައު ޖެނެރޭޓަރު ސެޓެއް އިތުރުކޮށްފައިވާކަމަށެވެ. އެރަށުގައި ކުރިން ކަރަންޓު ދެމުން ގެންދިޔައީ 220ކިލޯ ވޮޓްގެ ޖެނެރޭޓަރ ސެޓެއް ބޭނުންކޮށްގެންނެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދް މުޙައްމަދު ވިދަޅުވީ، ކަރަންޓުގެ މައްސަލައަކީ މާރަންދޫގެ ރައްޔިތުންނަށް ދަތި މައްސަލައެއްކަމަށެވެ. އަދި މިޚިދުމަތް ކުރިން އެރަށުގައި ދެމުންއައީ ބޮޑެތި ގޮންޖެހުންތަކާއި އެކުކަމަށް އޭނާ ވިދާޅުވިއެވެ.

700އާއި ގާތްކުރާ އާބާދީއެއް އޮންނަ މާރަންދޫގެ ގެތަކަށް ކަރަންޓު ދިނުމަށް މިހާރު ބޭނުންވަނީ 138 ކިލޯވޮޓްގެ ކަރަންޓެވެ.

ނަމަވެސް އިތުރުކުރި 250ކިލޯ ވޮޓްގެ ޖަނަރޭޓަރާއެކު އެރަށުގެ އިތުރުވަމުން އަންނަ އާބާދީއަށް އެއްވެސް ދަތިކަމެއް ނެތި ދިގު މުއްދަތަކަށް ކަރަންޓު ދެވޭނެކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިން ގެންދަނީ މާރަންދޫގެ 178 ގޭބިސީއާއާއި، ވިޔަފާރިއާއި، ސަރުކާރުގެ އޮފީސްތައް ހިމެނޭހެން 228ތަނަކަށް ކަރަންޓު ފޯރުކޮށްދެމުންނެވެ.

ސައީދް ވިދާޅުވީ އެރަށުގެ ބާ އިންޖީނުގެ ހުރި ސަރަޙައްދަކީ މީހުން ދިރިއުޅޭ ސަރަަޙައްދައް ވެފައި، އިންޖީނުގެ އަޑު ގަދަވުމުގެ ސަބަބުން އާއްމުންނަށް ދަތިތަކާއި ކުރިމަތިވާކަމަށެވެ. އެރަށުގައި އަލަށްހެދި އިންޖީނުގެ ހަދާފައިވަނީ މީހުންއުޅޭ ހިސާބާއި ދުރު ސަރަޙައްދުގައި، އިންޖީނުގެ އަޑުގެ ސަބަބުން އާއްމުންނަށް ދަތި ނުވާ ސަރަޙައްދެއްގައެވެ.

މި މަޝްރޫޢުއަކީ 7.6މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން އަޅާފައިވާ އިންޖީނުގެއެކެވެ. ފެނަކައިން ބުނެފައިވަނީ ހއ.މާރަންދޫގައި އަވިން ހަކަތަ އުފައްދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ. އަދި ވަރަށް އަވަހަށް މިނިޒާމް ފެނަކައިގެ ގްރިޑާއި ގުޅާލައި، އަވިން އުފައްދާ ކަރަންޓު އެރަށަށް ދޭން ފަށާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.