ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ އެގައުމުގެ މަރުކަޒީ ބޭންކުން ބޮމެއް ޒާތުގެ އެއްޗެއް ފެނިފައިވާތީ، އެ އިމާރާތް ބަންދުކޮށްގެން އެސަރަހައްދުގައި ހަރަކާތްތެރިވުމަށްފަހު، އެ ކަމާ ގުޅިގެން އެޅި ސަލާމަތީ ފިޔަވަޅުތައް އުވާލައިފިއެވެ.
މަރުކަޒީ ބޭންކުގައި މަސައްކަތްކުރާ ދެ އޮފިޝަލަކު ރޮއިޓަރސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ބޮމެއް ކަމަށް ބެލެވޭ އެއްޗެއް އިމާރާތުން ފެނުމާ ގުޅިގެން ވަށައިގެންވާ ސަރަހައްދުތައްވެސް ފުލުހުން އޭރު ބަންދުކުރިކަމަށެވެ. މި ހަފުތާގެ އާދިއްތަ ދުވަހު ސްރީލަންކާގައި ދިން ނުރައްކާތެރި ހަމަލާގެ ސަބަބުން އެގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ މިދަނޑިވަޅުގައި ވެރިރަށް ކޮލޮމްބޯގެ މައި ވައިގެ ބަނދަރަށް ދެވެން އޮންނަ ބޮޑު މަގުގެ ކައިރީގައި ޕާކްކޮށްފައިވާ އޮތް އުޅަނދަކާ މެދު ޝައްކުކުރެވޭތީ ސްރީލަންކާގެ ފުލުހުން ވަނީ އެ މަގުވެސް ބަންދުކުރިއެވެ.
އެހެންނަމަވެސް އެ ސަރަޙައްދުގައިވެސް އިތުރު ނުރައްކަލެއް ނެތްކަމަށް މިހާރު ވަނީ އަންގާފައެވެ. އާދިއްތަ ދުވަހުގެ ނުރައްކާތެރި ހަމަލާއަށް ފަހު ސްރީލަންކާގައި ނުތަވަސްކަން އުފެދިފައިވާ މިދަނޑިވަޅުގައި އެ ގައުމުގެ ސަރުކާރުން ދަނީ ސްރީލަންކާގައި ކުއްލި ހާލަތުވެސް ތަންފީޒުކުރަމުންނެވެ.