ސިޔާސީ

ފެހެންދޫ ދަރިވަރުން ސްކޫލަށް ދިއުމަށް ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ނެތުމުގެ ކަންބޮޑުވުން ޙިއްޞާކޮށްފި


ބ. ފެހެންދޫ ސްކޫލު ދަރިވަރުން ސްކޫލަށް ދިއުމަށްޓަކައި އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް ނެތުމުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާއި ޙިއްޞާ ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި، ފެހެންދޫ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުއްވާފައެވެ. ފެހެންދޫ ކައުންސިލުން ވަނީ އެރަށުގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވުމަށާއި، ރަށުގައި އެކަށީގެންވާ ފެންވަރުގެ މިސްކިތެއް އިމާރާތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިޔަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފެހެންދޫ ސްކޫލު ދަރިވަރުން ސްކޫލަށް ދިއުމަށްޓަކައި އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް ނެތުމުގެ ކަންބޮޑުވުން އެރަށު ކައުންސިލުން ފާޅުކުރައްވާފައިވާއިރު އެރަށުގެ ސްކޫލު ބަންދުކޮށްފައިވަނީ ރަށުގެ އާބާދީ ކުޑަވުމުން، އެކަށީގެންވާ ވަރަށް ދަރިވަރުން ނެތުމުންނެވެ. އެހެންކަމުން އެރަށުގައި ސްކޫލަށްދާ ކުދިން ތަޢުލީމު ޙާޞިލް ކުރުމަށްޓަކައި ދަނީ އެރަށް ކައިރީގައި އޮންނަ ބ. ގޮއިދޫއަށެވެ.

ބ. ފެހެންދޫ ކުދިން ކިޔަވަން ކޮންމެ ދުވަހަކު ގޮއިދު އަށް ކުރާ ދަތުރުގައި ބޭނުންކުރަނީ ކުޑަ ޑިންގީއެކެވެ.