ޚަބަރު

ފަތުރުވެރިޔަކު އޮޔާ ދަނިކޮށް ސަލާމަތްކޮށްފި


ޓޫރިސްޓަކު އޮޔާ ދަނިކޮށް ސަލާމަތްކޮށްފި އެވެ.

ފުލުހުން ވިދާޅުވީ ކ. ގުރައިދޫއާ އެއް ފަޅެއްގައި އޮންނަ ފަޅުރަށެއް ކަމަށްވާ ޅޮސްފުށީގެ ފުއްޓާރާ ދިމާ ބޭރަށް އެކަނި މޫދަށް އެރި އުޅުނު 28 އަހަރުގެ ޗައިނާގެ ފަތުރުވެރިޔަކު ކަނޑޫމާ ރިސޯޓްގެ ދޯންޏަކަށް ނަގައި އޭނާ ސަލާމަތްކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ އެމީހާ ޑައިވިން ދޯންޏަށް ނަގައި ކަނޑޫމާ ރިސޯޓަށް ގެންދިޔަ ކަމަށެވެ. އެ ދޯންޏަށް އެމީހާ ނަގަން އުޅުމުން އެކަމާ އެމީހާ ދެކޮޅު ހެދި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އެގޮތަށް އޭނާ ދޫކޮށްލާފައި ނުދާނެ ކަމަށް ދޯނިން ބުނުމުން އެ މީހާ ދޯންޏަށް އެރި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ އޭނާ ނެގި އިރު ނޭވާ ކުރުވެ ވަރަށް ބޮޑަށް ވަރުބަލިވެފައިވާ ކަމަށެވެ. ނަމަވެސް އެމީހާ މޫދުގައި އޮތީ ލައިފްޖެކެޓެއް އަޅައިގެން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ކަނޑޫމާ ރިސޯޓަށް ގޮސް، ފަތުރުވެރިޔާއާ ސުވާލުކޮށް، ގުރައިދޫގައި އޭނާ ހުންނަ ގެސްޓް ހައުސްގެ މެނޭޖްމަންޓާ ވެސް ވާހަކަދައްކާފައިވާ ކަމަށެވެ.