ސިޔާސީ

އިދިކޮޅު ވަރުގަދަ ކޯލިޝަނެއް ފެންނާނެ - ޢަބްދުއްރަހީމް


ވަރުގަދަ ކޯލިޝަނެއްގެ ގޮތުގައި އިދިކޮޅު ވަރަށް އަވަހަށް ފެންނާނެކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ވަގުތީ ރައީސް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

ޕީއެންސީއާއި، ޕީޕީއެމް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ވިދާޅުވީ، އެ ދެޕާޓީއަކީ ދިވެހިވަންތަ ސިފަތަކާއެކު މަސައްކަތްކުރާ ޕާޓީތަކެއްކަމަށާއި، ދެޕާޓީގެ ފިކުރަކީ އެއް ފިކުރެއް ކަމަށެވެ. ނަމަވެސް ދެޕާޓީގެ ހިންގުމުގައި ތަފާތުތަކެއް ހުރެދާނެކަމަށާއި، އެހެންނަމަވެސް ދެ ޕާޓިގެ ލީޑާޝިޕްވެސް އޮތީ ކުރީގެ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށް އަބްދުއްރަހީމްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

"އިއްޔެވެސް އަޅުގަނޑުމެން ދޮޅު ގަޑިއެއްހާއިރު އަޅުގަނޑުމެން ދެ ޕަޓިގެ އިސްވެރިންނާއެކު ރައީސް ޔާމީން ބައްދަލުކުރައްވާ ދެޕާޓީ ހިންގުމުގައިވެސް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ލަފާފުޅާ އިރުޝާދުތަކެއް އަޅުގަނޑޫމެންނަށް ދެއްވި. އެއްވެސްކަހަލަ ހިތްހަމަ ނުޖެހުމެއް އަޅުގަނޑުމެންގެ ތެރެއަކު ނެތް."

ޢަބްދުއްރަހީމް ވިދާޅުވީ ޒިންމާދާރު އިދިކޮޅު ކޯލިޝަނެއް ރައްޔިތުންނަށް ދައްކައިދޭނެކަމަށާއި، އެއީ ހަމައެކަނި މަގުމަތީގެ ހަރަކާތްތަކެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުން ކުރާ ކަންތައްތަކަށް ފާރަވެރިވެ، ސަރުކާރުން ހަދާ ގޯސްތައް ރައްޔިތުންގެ ސަމާލުކަމަށް ގެންނާނެކަމަށާއި، ބައިނަލްއަޤްވާމީ މުއައްސަސާތަކާއި މިނިވަން މުއައްސަސާތަކުގެ ސަމާލުކަމަށްވެސް ގެންނަންޖެހޭ ކަންކަން ގެންނަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރާއި އެ ސަރުކާރުގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕާއި ގުޅިވަޑައިގަތުމަށް އުޅުއްވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ޢަބްދުއްރަހީމް ވިދާޅުވީ، ސިޔާސީ މަސްރަޙްގައި އެއީ ނުވާނެ ކަމެއްކަމެއް ނުދަންނަވާނެ ކަމަށެވެ.