ވިޔަފާރި

ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާއަށްވުރެ އިތުރަށް ނުދިނުމަށް އަންގައިފި


ރަމަޟާންމަހު އިނާޔަތު ފައިސާގެ ގޮތުގައި ދިނުމަށް ޤާނޫނުން ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ފައިސާ ނުދިނުމަށް ފިނޭންސް މިނިސްޓްރީން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކުންފުނިތަކަށް ފޮނުވި ސަރކިއުލާރއެއްގައި ވަނީ ޤާނޫނުގައި ކަނޑައަޅާފައިވާ ތިންހާސް ރުފިޔާއަށް ވުރެ އިތުރަށް ފައިސާ ނުދިނުމަށް އަންގާފައެވެ. އަދި ރަމަޟާންމަހުގެ ތެރޭގައި މީހަކަށް ވަޒީފާ ދީީފިނަމަ، އެމީހަކަށް ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި ދޭންޖެހޭނީ އެމީހަކު ވަޒީފާއަށް ނިކުންނަ ދުވަހުން ފެށިގެން އެ މަހުގެ ބާކީ ބަޔަށްވާ ފައިސާކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ރަމަޟާން މަހުގެ ތެރޭގައި ވަޒީފައިން ވަކިވާ މުވައްޒަފަކަށް ރޯދަމަހުގެ އިނާޔަތް ދޭންޖެހޭނީ އޭނާ ވަޒީފާއިން ވަކިވާ ދުވަހުގެ ނިޔަލަށްވާ ފައިސާކަމަށްވެސް ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ސާރކިއުލާގައިވާ ގޮތުން ޕޭ ލީވްގައި ތިބޭ މުވައްޒަފުންގެ ތެރެއިން ކުންފުންޏަށް ޚިދުމަތް ނުލިބޭ މުވައްޒަފުންނަށް އިނާޔަތު ފައިސާ ދޭކަށް ނުޖެހޭނެއެވެ.

ޤާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ރޯދަމަހުގެ އިނާޔަތް ނުދިނުމަށް ފިނޭންސް މިނިސްޓްރީން އަންގާފައި މިވަނީ، މީގެ ކުރިން ބައެއް ކުންފުނިތަކުން ތިންހާސް ރުފިޔާއަށްވުރެ އިތުރަށް ފައިސާ ދެމުން ގެންދާތީއެވެ.

ފިނޭންސް މިނިސްޓްރީން މިގޮތަށް ކުންފުނިތަކަށް އަންގާފައި މިވަނީ، އެއްވެސް މުވައްޒަފެއްގެ މެދުގައި ތަފާތު ކުރުން ނުގެންގުޅުމަކީ ސަރުކާރުގެ ސިޔާސަތަކަށް ވާތީއާއި، މުސާރައާއި އިނާޔަތްތަކުގެ ފަރަޤް ނައްތާލުމަކީވެސް ސަރުކާރުގެ ސިޔާސަތެއް ކަމަށްވާތީކަމަށް ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ވަޒީފާއާއި ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުގައި ރަމަޞާން މަސް ފެށުމުގެ ކުރިން ދިވެހި ކޮންމެ މުވައްޒަފަކަށް އިނާޔަތުގެ ފައިސާގެ ގޮތުގައި ތިންހާސް ރުފިޔާ ދޭންޖެހޭނެއެވެ.