ޚަބަރު

ލޭކަރުނައިގެ ތެރެއިންވެސް ލަންކާގެ ރައްޔިތުން ދައްކަމުން ދިޔައީ އެއްބައިވަންތަކަމުގެ ނަމޫނާ


އާދީއްތަ ދުވަހު، ކޮލޮމްބޯގެ ސެއިންޓް އެންތަނީޒް ޝްރައިންގައި މަރުވި މީހުންގެ ހަށިތަކާއި ޒަޚަމުވެފައިވާ މީހުން އެއްތަނުން އަނެއްތަނަށް އުފުލުމުގެ މަސައްކަތުގައި ޝާމިލުވެ އުޅުމަށްފަހު އޭނާގެ އަތަށް ބަލާލިއިރު، ރޯޝަން ސައިނޫންގެ އަތް އޮތީ ކަޅު ރަތްކުލައިގެ ލެއިން ކަޅިވެފައެވެ.

އެ ފައްޅި ހުރި ސަރަޙައްދުގައި ދިރިއުޅޭ މުސްލިމެއްކަމުގައިވާ ރޯޝަން އާއި އޭނާގެ ބައެއް އެކުވެރިން އެދުވަހު ހެނދުނު އެ ފައްޅިއާ ދިމާއަށް ދުއްވައިގަތީ، އެ ފައްޅީގައި ބާރުގަދަ ގޮވުމެއް ގޮވި އަޑު އިވިގެންނެވެ.

"އެދުވަހު އެ ފައްޅީގައި އަޅުކަންކުރަން ގޮސްތިބީ ހަމަ އަހަރެންގެ އަވަށްޓެރިން. އަހަރެންގެ އަޚުން"، އެދުވަހުގެ ހާދިސާ ހަނދާނަށް ގެންނަމުން ރޯޝަން ކިޔައިދިނެވެ.

"އަހަންނަކީ މުސްލިމެއް. އެހެނަސް މި ހިސާބުގަނޑުގައި ދިރިއުޅޭ އެންމެންނަކީ އެއް ޢާއިލާއެއްގެ ބައެއް." ރޯޝަން ކިޔައިދިނެވެ.

ސްރީލަންކާގެ އާބާދީގެ ބޮޑު އަޣުލަބިއްޔަތަކީ ބުދިސްޓުންނެވެ. އެ ޤައުމުގައި ދެން އެންމެ އާބާދީ ބޮޑު ހިންދޫއިން ހިއްސާކުރަނީ އާބާދީގެ 12 އިންސައްތައެވެ. ދިހައެއް އިންސައްތަ ހިއްސާކުރަނީ މުސްލިމުންނެވެ. އަދި ދިހައެއް އިންސައްތަ ހިއްސާކުރަނީ ނަޞާރާއިންނެވެ.

އާދީއްތަ ދުވަހުގެ ހަމަލާއަށްފަހު ސްރީލަންކާގެ މުސްލިމް ލީޑަރުން ވަނީ، އެ ހަމަލާދިން ފަރާތްތައް ހޯދައި، އެ ފަރާތްތަކަށް، ޤާނޫނުގެ ތެރެއިން ދެވޭނޭ އެންމެ ހަރުކަށި އަދަބެއް ދިނުމަށް ގޮވާލައްވާފައެވެ. އެ ޤައުމުގެ ސިލޯން ޖަމިއްޔަތުން އުލަމާ އާއު ޝޫރާ ކައުންސިލުންވެސް ވަނީ ނަޞާރާ ލީޑަރުންނާ ބައްދަލުކޮށް، ތައުޒިޔާ ދަންނަވައި، އެ ތަޙުޤީޤު އެންމެ ފުރިހަމަގޮތުގައި ކުރިއަށްގެންދިއުމަށްވެސް ގޮވާލާފައެވެ.

އާދީއްތަ ދުވަހުގެ ބޮމުގެ ހަމަލާތަކަށްފަހު،ރަޙުމަތްތެރިންގެ ޢާއިލާތަކުގެ ހިތާމައިގައި ބައިވެރިވުމަށް އެމީހުންގެ މުސްލިމު އަޚުން އަތް އުފުލާ ދުޢާކުރަމުންދިޔައިރު، ހިންދޫންނާއި ބުދިސްޓުންވެސް ރަޙުމަތްތެރިން ހޭހަންކުރުމުގައި ތަފާތެއް ނެތި ހަރަކާތްތެރިވަމުންދިޔައެވެ.

ހަމަލާ ދިން ސަރަޙައްދުތަކުގައި ޢިމާރާތްތައް ރޫޅި، ސުންނާފަތިވެފައިވާނަމަވެސް، ލަންކާގެ ރައްޔިތުން އެ ޤައުމުގެ އެއްބައިވަންތަކަން ދައްކަމުން ދިޔައީ ދުނިޔެއަށް ނަމޫނާއެއް ފަދައިންނެވެ. މީގެ އެންމެ ދިހަ އަހަރު ކުރިން ނިމުނު ދާޚިލީ ހަނގުރާމައިގެ ބައިބައިވުމުގެ އެއްވެސް އަސަރެއް، ހަމަލާދިން ސަރަޙައްދުތަކުގައި އެކުގައި ހަރަކާތްތެރިވަމުންދިޔަ އެކި ނަޞްލުގެ، އެކި ދީނުގެ މީހުންގެ ކިބައިން ފެންނާކަށް ނެތެވެ.