މިހާރު ހިގަމުންދާ ރައްޔިތުން މަޖިލީހުގެ ފަހު ޖަލްސާ އޮންނާނީ މިމަހުގެ 29 ވަނަދުވަހު ކަން މަޖިލީހުގެ ރިޔާސަތުން އިއުލާންކޮށްފިއެވެ.
18 ވަނަ ރައްޔިތުން މަޖްލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖީލިހުގެ ރައީސް ޤާސިމް އިބްރާހިމް ވިދާޅުވީ މަޖިލިސް ރަސްމީކޮށް ދެން އޮންނާނީ މާދަމާއި އަންނަ ހޯމަ ދުވަހުކަމަށެވެ. އަދި 18 ވަނަ ރައްޔިތުން މަޖިލީހުގެ ފަހު ޖަލްސާ އޮންނާނީ މި މަހުގެ 29 ވާ ހޯމަދުވަހުގެ ހެދުނު 09:00 ގައި ކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ މަޖީލހުގައި ހިމެނޭ ޕާލިމެންޓްރީ ގްރޫޕްތަކާއި މަޝްވަރާކުރެއްވުމަށްފަހުކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
މި މަސް ނިމުމާއި އެކު މަޖިލީހުގެ މި ދައުރު ނިމި މެމްބަރުން ޗުއްޓީއަށް ދާނެއެވެ. އަދި އެއާއި އެކު 18 ވަނަ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ދައުރު ހަމަވާނެއެވެ.
19 ވަނަ ރައްޔިތުން މަޖިލީހުގެ ހުވާކުރުން އޮންނާނީ އަންނަ މަހުގެ 28ގައެވެ. 19 ވަނަ ރައްޔިތުން މަޖްލީހުގެ އިންތިޙާބުގައި 65 ގޮނޑި ކާމިޔާބުކޮށްގެން ވެރިކަން ހިންގާ މައިޕާޓީ އެމްޑީޕީން ވަނީ ސުޕަރ މެޖޯރިޓީ ނަގާފައެވެ. މިއީ ސިޔާސީ ޕާޓީއަކުން ރައްޔިތުންގެ މަޖިލިހުން މިހާ ގިނަ ގޮނޑި ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. 19 ވަނަ ރައްޔިތުން މަޖިލީހުން ޕީޕީއެމަށް ލިބިފައިވަނީ 5 ގޮނޑިއެވެ. ޖުމްހޫރީ ޕާޓީއަށްވެސް ލިބުނީ 5 ގޮނޑިއެވެ. ޕީއެންސީ ލިބުނީ 3 ގޮނޑިއެވެ. އެމްޑީއޭއަށް ލިބުނީ 2 ގޮނޑިއެވެ. އަމިއްލަ ގޮތުން ވާދަކުރި މެމްބަރުންނަށް ލިބުނީ 7 ގޮނޑިއެވެ.
އަންނަ ރައްޔިތުން މަޖިލީހުގެ ރައީސްކަމަށް 6 މެމްބަރަކުން ވަނީ ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ. އެ ބޭފުޅުންނަކީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ވިލިފުށީ ދާއިރާގެ މްމްބަރު ހަސަން އަފީފާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާިމް ޝަރީފާއި ކާށިދޫ ދައިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ.
މަޖިލީހުގެ ނާއިބު ރައީސްކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ގަލޮޅު އިތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ އެވެ.