ސްރީލަންކާގެ ކޮލަމްބޯގައި ދިވެހިން ދިރިއުޅެމުންދިޔަ ޢިމާރާތަކުން ފެނުނު ބޮން ސަލާމަތްތެރިކަމާއިއެކު ނައްތާލައިފިއެވެ. ކޮލަމްބޯގެ މައުންޓްލެވޭނިއާގައި ބޮން ފެނުނު ޢިމާރާތުގެ އެޕާޓުމަންޓުތަކުގައި ދިވެހިންވެސް ދިރިއުޅެމުންދާކަމަށް މަޢުލޫމާތުލިބެއެވެ.
މި ބޮން ފެނުމާއެކު ސްރީލަންކާގެ ސަލާމަތީ ބާރުތަކުންވަނީ އެބޮން އެޢިމާރާތުން ނެރެގެން ގެންގޮސްފައެވެ. މިހާދިސާއާއެކު އެޢިމާރާތް ބަންދުކޮށްގެން ސަލާމަތީ ބަރުތަކުންވަނީ މުޅި އިމާރާތާއި ކައިރި ހިސާބުތައް ބަލައި ފާސްކޮށްފައެވެ. މިހާދިސާގައި 11 ބުރީގެ އެ އިމާރާތުގައި ދިރިއުޅޭ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.
ގިނަޢަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ސްރީލަންކާގައި ހިނގި ނުރައްކާތެރި ބޮމުގެ ހަމަލާތަކަށްފަހު އެޤައުމުގެ ސަލާމަތީ ބާރުތަކުންވަނީ ވެރިރަށް ކޮލަމްބޯގެ ސަލާމަތީކަންކަން ވަރަށް ވަރުގަދަކޮށްފައެވެ. އަދި ދިވެހިން ދިރިއުޅޭ ތަންތަންވެސް ހިމެނޭހެން ތަންތަން ބަލައިފާސްކުރަމުންދެއެވެ.
ސްރީލަންކާގެ ސަލާމަތީބާރުތަކުން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަނަށް އެއްބާރުލުންދީ އެޤައުމުގެ ސަރުކަރުގެ އިރުޝާދުތަކަށް އިޖާބަދިނުމަށް ދިވެހިސަރުކާރުންވަނީ ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އިލްތިމާސްކޮށްފައެވެ.