ޚަބަރު

ސްރީ ލަންކާއަށް ޙަމަލާދިން ނެޝަނަލް ތައުހީދު ޖަމާޢަތަކީ ކޮންބައެއް؟


އާދިއްތަ ދުވަހު މުޅި ސްރީ ލަންކާ ގުޑުވާލީ ބާރުގަދަ ބޮންތަކެއް ވެރިރަށް ކޮލޮންބޯގެ އެކި ސަރަޙައްދުތަކުގައި ގޮވާ އެތައް ސަތޭކަ ބަޔަކު މަރުވި ހާދިސާއިންނެވެ. ކައިރިކައިރީގައި ގޮވި ގޮތުންތަކުގެ ސަބަބުން ވާނުވާ ނޭނގި އެތައް ބަޔަކު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓުނެވެ. އެއްބަޔަކު އަވަސްވެގަތީ ގާތްތިމާގެ މީހުންނާއި ރަށްޓެހިން ހޯދުމަށެވެ. އަނެއްބަޔަކު ދުށްވައިގަތީ އަނިޔާވެ، ލެއިންފޯވެފައިވާތިބި އެތައް ސަތޭކަބަޔަކަށް އެހީތެރިވާށެވެ. ވެގެންއުޅޭ ގޮތެއް އޮޅުންފިލުވުމެއް، ކޮންބައެއް ދިން ޙަމަލާއެއްތޯ ބެލުމެއްނެތިއެވެ.

ސްރީ ލަންކާގެ ތާރީޚުގައި ދިން އެންމެ ވަރުގަދަ ޙަމަލާ ދިނީ ކޮންބައެއްކަން ޙަމަލާދިންތާ އެތައް ގަޑިއިރެއްވިއިރުވެސް ނޭނގެއެވެ. އެއްބަޔަކު ބުނާގޮތުގައި ޙަމަލާދިނީ ތަމަޅައިންނެވެ. އަނެއްބަޔަކު ބުނާ ގޮތުގައި ޙަމަލާ ދިނީ ހައްދު ފަހަނައަޅާފައިވާ މުސްލިމުންގެ ޖަމާޢަތަކުންނެވެ. ޙަމަލާ ދިނީ ބުޑިސްޓުންކަމަށްވެސް އެއްބަޔަކު ކިޔާ އުޅުނެވެ.

މުޅި މަންޒަރު ސާފުވުމުގެ އިންތިޒާރުގައި ތިބި އެތައް ބަޔަކަށް އަނެއްކާވެސް ހައިރާންކަން ލިބުނީ މި ޙަމަލާތައް ދިނީ ނެޝަނަލް ތައުހީދު ޖަމާޢަތް (އެންޓީޖޭ) ނަމަކަށްކިޔާ ބައެއްކަމަށް ސްރީ ލަންކާގެ ސަރުކާރުން ބުނުމުންނެވެ. އެ ހިނދާހަމައަށް އެއީ އުޅޭ ބައެއްކަމެއްވެސް ގިނަ ބަޔަކަށް ނޭނގެއެވެ. ދުވަހަކު އަޑުއެހި ބައެއްވެސް ނޫނެވެ. މިއީ އަނެއްކާ ކޮންބައެއްބާއެވެ؟

ނެޝަނަލް ތައުހީދު ޖަމާޢަތް (އެންޓީޖޭ) އަކީ ކޮންބައެއް؟

ބުނެވޭގޮތުގައި ނެޝަނަލް ތައުހީދު ޖަމާޢަތް (އެންޓީޖޭ) އަކީ ސްރީ ލަންކާގައި ޙަރަކާތްތެރިވާ ހަރުކަށި އިސްލާމީ ޖަމާޢަތެއްކަމަށްވާ ސްރީ ލަންކާ ތައުހީދު ޖަމާޢަތް (އެސްއެލްޓީޖޭ)ގެ ގޮތްޕެކެވެ. ނޫނީ އެ ޖަމާޢަތާއި ގުޅުންއޮންނަ ޖަމާޢަތެކެވެ. އެސްއެލްޓީޖޭއަކީ ބުޑިސްޓުންނާއި ދެކޮޅަށް ހިންގާ އަމަލުތަކުގެ ސަބަބުން އެ ޤައުމުގައި މަޝްހޫރުކަމެއް ހޯދަމުންއަންނަ ޖަމާޢަތެކެވެ. އެގޮތުން، އެ ޖަމާޢަތުގެ އިސްވެރިއެއްކަމަށްވާ ޢަބްދުއްރާޒިކްވަނީ ބުޑިސްޓުންނާއި ދެކޮޅަށް ފިތުނަ އުފެދޭ ވާހަކަދައްކާތީ ހައްޔަރުކޮށްފައެވެ، މިކަމެއް ހިނގީ މީގެ ދެ އަހަރު ކުރިންނެވެ. އަދި މިއީ އޭނާ ހައްޔަރުކުރި ފުރަތަމަ ފަހަރެއްވެސްނޫނެވެ.

އެންޓީޖޭގެ ނަން މީޑިއާއަށް އެންމެ ފުރަތަމަ ތިލަވީ މިދިޔަ އަހަރުއެވެ. ސްރީ ލަންކާގެ މެދުތެރޭގައި އޮންނަ މައުނެއްލާގައި ހުންނަ ބުޑިސްޓް ފައްޅިތަކަކަށް ދިން ޙަމަލާއަކީ އެ ޖަމާޢަތުން ދިން ޙަމަލާތަކެކެވެ. އޭގެ ފަހުން އެ ޖަމާޢަތުގެ ނަން އެއްވެސްވަރަކަށް އައިސްފައެއްނުވެއެވެ. ސްރީ ލަންކާގެ ތާރީޚުގައި ދިން އެންމެ ވަރުގަދަ ޙަމަލާ ދިނުމާއި ހަމައަށެވެ.

އެންޓީޖޭއާއި ގުޅޭ މާގިނަ މަޢުލޫމާތެއް ސްރީ ލަންކާގެ ގިނަ ރަސްމީ އިދާރާތަކަށް ނޭނގެއެވެ. މި ޙަމަލާތައް ކާމިޔާބުވީ އެހެންވެއެވެ. އެ ޙަމަލާތަކުގެ ގެއްލުން އެހާބޮޑުވީވެސް އެހެންވެއެވެ. ކުޑަ ޖަމާޢަތަކަށްވެފައި މާގިނަ ޙަމަލާތަކެއް މީގެ ކުރިން ދީފައިނުވުމުންނެވެ.

ޝައްކުކުރެވޭގޮތުގައި މި ޙަމަލާގެ ފަހަތުގައި ބާރުގަދަ ފަރާތްތަކެއް ނުވަތަ ޖަމާޢަތެއްވުން އެކަށީގެންވެއެވެ. މިފަދަ ޙަމަލާތަކެއް ދިނުމުގެ ޤާބިލުކަން ސްރީ ލަންކާގެ ޖަމާޢަތަކަށް ލިބިގެންވާކަން އެ ޤައުމުގެ ސަލާމަތީ ބާރުތަކުންވެސް ޤަބޫލެއްނުކުރެއެވެ. ތަމަޅަ ޓައިގަރުންނާއި ދެކޮޅަށް ކުރި 25 އަހަރު ދުވަހުގެ ދިގު ގެއްލުންބޮޑު ހަނގުރާމައިގައިވެސް މިފަދަ ޙަމަލާއަކާއި ސްރީ ލަންކާއިން ކުރިމަތިލާފައެއްނުވެއެވެ.

ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރާ ދުނިޔޭގެ ބޮޑެތި ޖަމާޢަތްތަކުން އަދިވެސް ތިބީ ސިހިފައެވެ. ސްރީ ލަންކާއަށް ޙަމަލާއެއް ދޭންއުޅޭކަން ކުރިން އިނގުނުނަމަވެސް މިވަރުވާނެކަމަކަށް ހިޔެއްނުކުރެއެވެ. އެފަރާތްތަކުން ބުނާގޮތުގައި މި ޙަމަލާއާއިއެކު ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތަށް އިތުރު ދޮރުތަކެއްވަނީ ހުޅުވިފައެވެ. އިތުރު ގޮތަކަށް ވިސްނަން ޖެހިއްޖެއެވެ. ޓެރަރިޒަމާއި ދެކޮޅަށް ކުރާ ހަނގުރާމަ އިތުރު ހަރުފަތަކަށް ހިނގައްޖެކަމަށް އެ ޖަމާޢަތްތަކުން ޤަބޫލުކުއެވެ.

ސްރީ ލަންކާ ސަރުކާރުގެ ސިޔާސަތުތައް ތަފާތު

ޢާންމުގޮތެއްގައި މިފަދަ ޙަމަލާއަކާއި ކުރިމަތިލާންޖެހިއްޖެނަމަ، ގިނަ ޤައުމުތަކުން ވަރުގަދަ ހަރުކަށި ފިޔަވަޅުތައް އެޅުމަށް އަވަސްވެގަނެއެވެ. ނަމަވެސް، ސްރީ ލަންކާއިން އަމަލުކުރަނީ ވަރަށް ޙިކުމަތްތެރިކަމާއިއެކީކަމަށް ފެނެއެވެ. އެގޮތުން، ފުރަތަމަކަމަށް އެންޓީޖޭއާއި މުސްލިމުންނާއި ގުޅުވާކަށް މަސައްކަތެއް ނުކުރެއެވެ.

ސްރީ ލަންކާގެ އާބާދީގެ 10 އިންސައްތައަކީ މުސްލިމުންނެވެ. އެއީ ގާތްގަނޑަކަށް 2 މިލިއަން މުސްލިމުންނެވެ. އެހެންކަމުން، އަނެއްކާވެސް ނަސްލީ ހަމަނުޖެހުމެއް ފެށިދާނެތީ ސްރީ ލަންކާގެ ސަރުކާރުން މި ޙަމަލާތަކަށްފަހު އަމަލުކުރަނީ ވަރަށް ވިސްނުންތެރިކަމާއިއެކުއެވެ. ވަރަށް ހަމަހަމަކޮށެވެ. ވަކިވަކިން މުސްލިމުންނަށް އަމާޒުކޮށް ފިޔަވަޅުތަކެއް އަދި މިހާތަނަށް އަޅާފައެއްނުވެއެވެ.

ޙަމަލާތަކަށްފަހު ފެނުނީ ބަދަހި ސްރީ ލަންކާއެއް

ތިމާއަކީ ކާކުތޯ ބެލުމެއްނެތި އެންމެންވެސް ބެލީ ޖެހިގެންހުރި މީހާއަށް އެހީވެދިނުމަށެވެ. ކޮން ދީނެއްގެ މީހެއްތޯވެސް އެހުމެއްނެތިއެވެ. ބްލަޑް ބެންކުތައް ފުރާލީ ލޭ ހަދިޔާކުރުމަށެވެ. ލޭ ހަދިޔާކުރަންދިޔަ މީހުން ގިނަވެގެން ބްލަޑް ބެންކުތަކުން މިހާރު ފުދިއްޖެއޭކިޔާ އިޢުލާންވެސްކުރިއެވެ. ޙަމަލާތަކަށްފަހު ކޮންމެކަމެއްގައިވެސް ސްރީ ލަންކާއިން ދެއްކުވީ ނަމޫނާއެވެ.