ޚަބަރު

ރައީސްގެ ޚާއްސަ މަންދޫބު ސްރީލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޚާއްސަ މަންދޫބު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، އަޙްމަދު ޚަލީލް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާއި އެޤައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާއި އެޤައުމުގެ ފޮރިން ސެކްރެޓަރީއާ މިއަދު ކޮލަމްބޯގައި ބައްދަލުކުރައްވައިފިއެވެ.

ޚަލީލް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ތައުޒިޔާ ދަންނަވައި އިއްޔެގެ ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ދިވެހި ރާއްޖެ އޮތީ ސްރީލަންކާ ސަރުކާރާއި އެޤައުމުގެ ރައްޔިތުންނާއިއެކުކަން ހާމަކުރައްވާފައެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، އަޙްމަދު ޚަލީލަކީ، ސްރީލަންކާއަށް ދިން ނުރައްކާތެރި ޓެރަރިސްޓު ޙަމަލާއާ ގުޅިގެން އެޤައުމުގެ ސަރުކާރަށް އެއްބާރުލުން ދެއްވައި، ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންގެ ޙާލު ބައްލަވައިލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެޤައުމަށް ފޮނުއްވި ޚާއްސަ މަންދޫބެކެވެ. މިދަތުރުފުޅުގައި ޚަލީލްވަނީ ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންގެ ޙާލު ބައްލަވައި އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ސްރީލަންކާގައި ދިން ނުރައްކާތެރި ޓެރަރިސްޓު ހަމަލާގައި އެތައް ބަޔަކު މަރުވެ ގިނަ ބަޔަކު ޒަޚަމްވެފައި ވެއެވެ. މި ހަމަލާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ސްރީލަންކާ ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެ މެސެޖެއްވެސް ފޮނުއްވާފައެވެ އަދި ދިވެހި ސަަރުކާޜާއި ރައްޔިތުންދަނީ ސްރީލަންކާގެ ޤައުމީ ހިތާމާގައި ބައިވެރިވެ ހިތާމަކުރަމުންނެވެ.