ޚަބަރު

ސްރީލަންކާގައި ދިން ހަމަލާއަކީ ބައިނަލްއަޤުވާމީ ވިއުގައަކުން ދިން ހަމަލާއެއް


އާދީއްތަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ޙަމަލާތަކަކީ ބައިނަލްއަޤުވާމީ ވިއުގައެއްގެ އެހީތެރިކަމާއެކު ދިން ޙަމަލާތަކެއް ކަމަށް އެ ޤައުމުން ބުނެފިއެވެ.

ސްރީލަންކާގެ ސިއްހަތާބެހޭ ވަޒީރު އަދި ކެބިނެޓްގެ ތަރުޖަމާން ރަޖިތާ ސެނަރަޓްނަ ވިދާޅުވީ، ޤައުމުގައި އުޅޭ ބަޔަކަށް ބައިނަލްއަޤުވާމީ ވިއުގައެއްގެ އެހީތެރިކަމާނުލައި އެފަދަ ހަމަލާތަކެއް ނުދެވޭނެކަމުގައިވާ ނަމަވެސް، ހަމަލާތައް ދިނުމުގައި ބައިވެރިވީ ހަމައެކަނި ސްރީލަންކާގެ ރައްޔިތުންކަމަށެވެ.

ސްރީލަންކާގެ ބައެއް ފައްޅިތަކާއި ހޮޓާތަކަށާއި އެ ނޫންވެސް ތަންތަނަށް ސިލްސިލާގޮތެއްގައި އާދީއްތަދުވަހު ދިން ޙަމަލާތަކުގެ ޒިންމާ އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ. އެހެން ނަމަވެސް އެ ޙަމަލާތައް ދިންކަމަށް ސްރީލަންކާގެ ސަލާމަތީ ބާރުތަކުން ތުހުމަތުކުރަނީ ސްރީލަންކާގައި ދީނީގޮތުން ހައްދުފަހަނަޅާފައިވާ ޖަމާއަތެއްކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތުގެ ހަނގުރާމަވެރިންނެވެ.

ނެޝަނަލް ތައުހީދު ޖަމާއަތް ނުވަތަ އެން.ޓީ.ޖޭ އަކީ ސްރީލަންކާގައި ޓެރަރިޒަމްގެ ހަރަކާތްތައް ހިންގުމުގެ މާބޮޑު ތާރީޚެއް އޮތް ޖަމާއަތެއްނޫނެވެ. އެހެންނަމަވެސް މިދިޔަ އަހަރު ބުދިސްޓުންގެ ބައެއް ފައްޅިތަކަށް ހަމަލާދިންކަމުގެ ތުހުމަތު އެ ޖަމާއަތުގެ މައްޗަށް ކޮށްފައިވެއެވެ.

ބައިނަލްއަޤުވާމީ ޓެރަރިސްޓް ވިއުގައަކާއި އެން.ޓީ.ޖޭ ގުޅިފައިވޭތޯ ބަލަމުން ގެންދާކަމަށް، ސެނަރަޓްނަ ވިދާޅުވިއެވެ. އާދީއްތަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ޙަމަލާތަކުގައި ދުއިސައްތަ ނުވަދިހަ އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ފަސް ސަތޭކައާ ގާތްކުރާ ޢަދަދަކަށް މީހުން ޒަޚަމުވެފައިވެއެވެ.