ލ. ފޮނަދޫން އެ އަތޮޅު މާމެންދުއަށް ކުޑަ ޑިންގީއެއްގައި ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ހަދިސާގައި ގެއްލުނު އައިމިނަތު ޝިމާގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ފިލަން އުޅުނު މީހުންގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލާގައި ދައުވާކުރުމަށް އެދި ފުލުހުން ފޮނުވާފައިވަނީ ދެމީހެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ޝިމާ ގެއްލުނު ހާދިސާގައި ބަނޑުން ޖަހާލި ޑިންގީ ދުއްވަން އިން އިބްރާހިމް ފަޒީލު ހިމެނެއެވެ.
ޝިމާ ގެއްލުނު ހާދިސާގެ ތަހުޤީގާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލވުމުގައި ވާހަކަފުޅު ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ ޝިމާ ގެ ކޮއްކޮ ގޮވައިގެން ފިލަން އުޅުނު މައްސަލައިގެ ތަހުޤީގު ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް އެ މައްސަލައާއި ގުޅޭ ތަފުސީލެއް ފައިރޫޝް ހާމައެއް ނުކުރައްވައެވެ.
ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ފުނަދުއަށް މާމެންދުއަށް ދަތުރުކުރަނިކޮށް ޝިމާ ގެއްލުނީ، ޑިންގީ ބަންޑުން ޖަހާލައިގެންކަމަށް، ޝިމާއާއިއެކު ޑީންގީގައި ދަތުރުކުރި ފަޒީލް ބުނެއެވެ. މިމައްސަލައިގެ ތަޙުގީގަށް ދެމަސްވެފައިވާއިރު، މިހާތަނަށް ޝިމާ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.
މި މައްސަލަގެ ތަހުޤީގު ގޮސްފައިވާ ހިސާބާއި ގުޅޭ މައުލޫމާތުދެއްވަމުން ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރ އަބްދުﷲ ފައިރޫޝް ވިދާޅުވީ އެ މައްސަލާގައި ގިނަ ބަޔަކު ތުހުމަތުކުރާ ފަޒީލް ދައްކާ ހުރިހާ ވާހަކަތަކަކީ ހަގީގަތެއް ނޫންކަން އެނގޭކަމަށެވެ. އަދި އެކަން އެގެނީ އެނާ ތަހުޤީގަށް ދިން އިންޓަރވިއުތައް ކަމުގައި ފަންނީ މާހިރުން ބަލާ ފަޒީލްގެ ބޮޑީ ލެންޖުއޭޖަށް ބެލުމަށްފަހުކަމަށެވެ.