ޚަބަރު

އިނާޔަތް ދިނުމަށް ހުށައެޅި އިސްލާހުތަކާއި އެމްޑީޕީން ދެކޮޅު


ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވުވުމުންވެސް އެ މެމްބަރުންނަށް ގިނަ ިއނާޔަތްތަކެއް ދިނުމަށް މަޖލީހަށް ހުށައެޅި ބިލާއި ދެކޮޅަށް އެމްޑީޕީން ވިޕް ނެރޭނެކަމުގެ އިޝާރާތެއް ދީފިއެވެ.

ރައްޔިތުން މަޖިލީހުގެ މެމްރުކަން ގެއްލޭ ފަރާތްތަކަށް ގިނަ އިނާޔަތްތަކެއް ދިނުމަށް ހުށައަޅާފައިވަނީ ދިއްދޫ ދާއިރާގެ އިންތިޚާބު ނަކާމިޔާބުވެވަޑައިގެންނެވި މިހާރު އެދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދާއި، ތިމަރަފުށީ ދާއިރާގެ އިންތިޚާބު ނާކާމިޔާބުވެވަޑައިގެންނެވި އެދާއިރާގެ މިހާރުގެ މެންބަރު މުޙައްމަދު މުސްޠަފާއެވެ.

މި ދެ މެމްބަރުން ހުށައެޅި އިސްލާހުގައި މެމްބަރުކަން ކޮށްފައިވާ ފަރާތަކަށް ޑިޕްލޮމެޓިކް ޕާސްޕޯޓާއި ހެލްތް އިންޝިއުރެންސް ސްކީމާއި އެއަރޕޯޓްގައި ވިއަފީ ހިދުމަތް ދިނުމަށް ވަނީ ހުށައަޅާ ފައެވެ.

މި އިސްލާހާއި ދެކޮޅު ހަދާކަން އެންމެ ފުރަތަމަވެސް ހާމަކޮށްފައި މިވަނީ ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ އެވެ. އީވާ ކުރެއްވި ޓްވީޓެއްގައި ވަނީ އެ ިއސްލާހުތަކާއި ދެކޮޅަށް އެމްޑީޕީން ވިޕް ލައިނެއް ނެރޭނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ.

އިވާގެ މި ޓްވީޓާ ގުޅިގެން ގިނަ ބަޔަކުވަނީ އިވާގެ އެ ނިންމުމަށް ތާއިދުކޮށްފައެވެ. އެއީ ރަގަޅު ނިންމުމެއްކަމަށް ބުނެ ބައެއް މީހުން ވަނީ މެމްބަރުންނަށް އިނާޔަތްތައް ދިނުމަކީ ދައުލަތުގެ ބަޖެޓުން ކުރާ ބޭކާރު ހަރަދެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް ހުށައެޅުއްވި އިޞްލާހުގައި ވަނީ، މަޖިލީހުގެ މެންބަރުކަންކޮށްފައިވާ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސްކީމެއެއްގެ ދަށުން ބޭސްފަރުވާ ކޮށްދެންވާނެކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންކަން ކޮށްފައިވާ މީހަކު ބޭނުންނަމަ އެ ހެލްތު ސްކީމަށް ފިރިމީހާ ނުވަތަ އަނބިމީހާ އަދި 18 އަހަރު ނުވާ ކުދިން ބައިވެރިކުރެވޭނެކަމަށްވެސް އެ އިޞްލާޙުގައިވެއެވެ. އެގޮތަށް ބައިވެރިކުރާ ފަރާތަކަށް ދައްކަންޖެހޭ އިންޝުއަރެންސް ޕްރިމިއަމް ދައްކާނީ އެމީހަކު އަމިއްލައަށްކަމަށްވެސް ބުނެފައިވެއެވެ.

މި އިޞްލާޙުގައި ވާގޮތުން މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހެއްގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓްވެސް ލިބޭނެ އިންތިޒާމް ހަމަޖައްސަންވާނެކަމަށާއި، ޕާސްޕޯޓް ހެއްދުމުގެ ޚަރަދު ހަމަޖައްސާނީ އެމީހަކު އަމިއްލައަށްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ އިމްތިޔާޒްތައް މަޖިލީހުގެ ރައީސްކަމާއި ނާއިބު ރައީސްކަން ކޮށްފައިވާ މީހުންނަށްވެސް ލިބެންވާނެކަމަށްވެސް ބުނެފައިވެއެވެ.
މިހާރު އިމްތިޔާޒްގެ ޤާނޫނު ބުނާގޮތުން މެންބަރުކަން ކޮށްފައިވާ ފަރާތްތަކުގެ ފިރިމީހައަށާއި، އަނބިމީހާ އަދި ދަރިންނަށް އެ އިމްތިޔާޒްތައް ލިބިގެނެއްނުވެއެވެ.

ލަޠީފް ހުށައެޅުއްވި ދެވަނަ އިޞްލާޙުގައި ވަނީ މެންބަރަކު މަޖިލީހުގެ މެންބަރުކަމުން ވަކިވުމަށްފަހުވެސް މާލީ އިނާޔަތް ލިބެންޖެހޭނޭކަމަށެވެ. ނަމަވެސް މިހާރު ޤާނޫނުގައި ވާގޮތުންމާލީ އިނާޔަތް ލިބޭނީ ޢުމުރުން 55 އަހަރު ވުމުންނެވެ. އެހެންކަމުން ލަތީފް ހުށައަޅުއްވާ އިޞްލާހު ފާސްވެއްޖެނަމަ މެންބަރުކަމުން ވަކިވުމުން އުމުރުދުވަހަށް އެ މާލީ އިނާޔަތް އެ މީހަކަށް ލިބިގެންދާނެއެވެ.

މި ޤާނޫނަށް ތިންވަނަ އިޞްލާޙު ހުށައަޅުއްވާފައިވަނީ ތިމަރަފުށީ ދާއިރާގެމެންބަރު މުޙައްމަދު މުސްޠަފާއެވެ. އޭނާ ހުށައަޅުއްވާފައިވާ އިޞްލާޙުގައި ވަނީ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް އެއަރޕޯޓުން ވީ.އައި.ޕީ ސަރވިސް ލިބޭނެ އިންތިޒާމް ހަމަޖައްސަންވާނެކަމަށެވެ. ނަމަވެސް މިހާރު އެ ޤާނޫނުގައި މެންބަރުކަން ކޮށްފައިވާގޮތުން މެންބަރުކަން ކޮށްފައިވާ މީހަކަށް އެއަރޕޯޓް ވީއައިޕީ ޚިދުމަތް ފޯރުކޮށްދޭކަށް ނުޖެހެއެވެ.