ޚަބަރު

ޕެންޝަން ފަންޑް 12.2 ބިލިއަން ރުފިޔާއަށް އަރައިފި


މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް ފަންޑުގައިވާ ފައިސާގެ އަދަދު 12.2 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ޕެންޝަން އޮފީހުން އިންތިޒާމްކޮށްގެން ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ފެށި، މޯލްޑިވްސް ފައިނޭންސް ފޯރަމުގައި ވާހަކަދައްކަވަމުން ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކް ވިދާޅުވީ، ޕެންޝަން ފަންޑަކީ މިވަގުތު ދިވެހިރާއްޖޭގެ އެންމެބޮޑު އިންވެސްޓްމަންޓް ފަންޑުކަމަށެވެ.

މި ފަންޑަށް ޖަމާވަމުންދާ ފައިސާގެ އަދަދު މަހަކަށްވުރެ މަހެއް އިތުރުވަމުން އަންނަކަން ފާހަގަކުރައްވަމުން މަނިކް ވިދާޅުވީ، ރިޓަޔަމަންޓް ޕެންޝަން ސްކީމް ފަންޑަށް ބައިވެރިންގެ ފަރާތުން މިހާތަނަށް 6.9 ބިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. ފަންޑުން ކުރި އިންވެސްޓްމަންޓް ރިޓާން ނުވަތަ ފައިދާގެ ގޮތުގައި 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މަނިކް ވިދާޅުވިއެވެ.

ޕެންޝަން ފަންޑަށް ޖަމާވަމުން އަންނަ ފައިސާގެ އަދަދު މަހުންމަހަށް އިތުރުވަމުން އައި ނަމަވެސް މިއަދަދު މިއަށްވުރެ އިތުރުވާންޖެހޭކަމަށް މަނިކް ވަނީ ފާހަގަކުރައްވާފައެވެ. ޕެންޝަން ފަންޑަށް ކޮންޓްރިބިއުޝަން ގެ ގޮތުގައި ދައްކަން ޖެހޭ ޢަދަދަކީ މަދުވެގެން ކޮންމެ މަހަކުވެސް އެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ %14 އެވެ. އެއީ ވަޒީފާދޭފަރާތުން ދައްކަންޖެހޭ %7 އާއި ވަޒީފާ އަދާކުރާ މީހާ ދައްކަން ޖެހޭ %7 އެވެ.

މަނިކް ވިދާޅުވީ ބައެއް ކުންފުނިތަކުން މުއައްޒަފުންގެ އަސާސީ މުސާރަ ވަރަށްބޮޑުތަން ކުޑަކޮށްފައި އޮތުމުން ފަންޑަށް ޖަމާވާ ފައިސާގެ އަދަދު ނިސްބަތުން މަދުކަމަށެވެ.

ރިޓަޔަމަންޓް ޕެންޝަން ސްކީމަށް ފައިސާ ޖަމާކުރާ 38 އިންސައްތަ މީހުންނަކީ 26 އަހަރާއި 38 އަހަރުގެ ޒުވާނުންނެވެ އަދި ފަންޑަށް އެންމެގިނައިން ފައިސާ ޖަމާކުރަނީ 45 އަހަރުން ދަށުގެ މީހުންނެވެ.
މަނިކް ވިދާޅުވީ ރިޓަޔަމަންޓް ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރާ މީހުންގެ 80 އިންސައްތަ މީހުންނަށް ފަންޑުން ފައިސާ ދިނުމުގެ ކުރިން އެފައިސާއިން އިންވެސްޓްކުރުމަށް އަދި ވިއްސަކަށް އަހަރު އެބައޮތްކަމަށެވެ.

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަކީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގައި ވާ ގޮތުގެ މަތިން، ވަޒީފާ އަދާކުރާ މީހުންނާއި، އަމިއްލަ މަސައްކަތް ކުރާ މީހުންނަށް، ވަޒީފާއިން މުސްކުޅި ކުރުމަށްފަހު ޕެންޝަން ލިބިދިނުމަށްޓަކައި ގާއިމް ކުރެވޭ ޑިފައިން ކޮންޓްރިބިއުޝަން ޕެންޝަން ސްކީމެކެވެ.
މިސްކީމުގެ ދަށުން ޕެންޝަނުގެ ގޮތުގައި ލިބޭ މިންވަރު ކަނޑައަޅާނީ ޕެންޝަނަށް ބަލާ ޢުމުރުކަމުގައިވާ 65 އަހަރު ހަމަވާއިރު އެމީހެއްގެ ރިޔަޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާއެއްގެ މައްޗަށް ބިނާކޮށެވެ.

ޕެންޝަން އޮފީހުންދަނީ ފަންޑުގައިވާ ފައިސާއިން އިންވެސްޓްކޮށް އިންވެސްޓްމަންޓްގެ ފައިދާ ފަންޑުގެ ބައިވެރިންގެ އެކައުންޓްތަކަށް ޖަމާކޮށްދެމުންނެވެ.