ލ. ފޮނަދޫން އެ އަތޮޅު މާމެންދުއަށް ކުޑަ ޑިންގީއެއްގައި ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ހަދިސާގައި ގެއްލުނު އައިމިނަތު ޝިމާގެ މައްސަލައިގައި އޭނާއާ ދަތުރުކުރި ފަޒީލް ދައްކާ ހުރިހާ ވާހަކަތަކަކީ ހަގީގަތެއް ނޫންކަން އެނގޭކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ ފަޒީލް ދީފައިވާ ބަޔާން، އެނަލައިޒްކޮށް، ބަޔާންތަކުގައި އޭނާގެ މިޒާޖު ހުރި ގޮތްތައްވެސް ފަންނީ މާހިރުންގެ އެހީގައި ދިރާސާ ކުރަމުންދާކަމަށެވެ.
ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ފުނަދުއަށް މާމެންދުއަށް ދަތުރުކުރަނިކޮށް ޝިމާ ގެއްލުނީ، ޑިންގީ ބަންޑުން ޖަހާލައިގެންކަމަށް، ޝިމާއާއިއެކު ޑީންގީގައި ދަތުރުކުރި ފަޒީލް ބުނެއެވެ. މިމައްސަލައިގެ ތަޙުގީގަށް ދެމަސްވެފައިވާއިރު، މިހާތަނަށް ޝިމާ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.
ޝިމާ ގެއްލުނު ޙާދިސާގެ ތަޙުގީގާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން ފުލުހުންގެ ޑިވިޝަނަލް ކޮމާންޑްގެ ހެޑް، އެސިސްތަންޓް ކޮމިޝަނަރ، އަބްދުﷲ ފައިރޫޝް ވިދާޅުވި މައްސަލައިގެ ތަޙުގީގުގައި 46 ފަރާތެއްގެ ބަޔާން މިހާތަނަށް ނަގާފައިވާއިރު، މި ހުރިހާ މީހުން ދެއްކި ވާހަކަތަކުގެ ތެދު ދޮގު ބަލަމުންދާކަމަށެވެ. އެގޮތުން ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުން ވަނީ މިއަދު ގއ.އަތޮޅުގެ 2 ފަޅުރަށްވެސް ބަލާފައިވާކަމަށް ފައިރޫޝް ވިދާޅުވިއެވެ.
" ޝިމާ އަންދާލިކަމަށް ލިބުނު މަޢުލޫމާތަކަށް، ގއ. އަތޮޅުގެ ދެ ފަޅޫރަށްވެސް މިވަނީ ބަލާފައި. އެކި ގޮތްތޮތަށް މިބަލަނީ، އޭނާ ގެންގުޅު ދަބަސް، ނުނީ ހެދުން ނުވަތަ ހަށިދަނޑުވިއަށް، އެއްވެސް ނިޗާނެއް ފެނޭތޯ ބެލެުމަށް." ފައިރޫޝް ވިދާޅުވިއެވެ.
ފުލުހުން މިހާތަނަށް ބެލިބެލުމުން، ޝިމާގެ ފޯނުގެ ސިގްނަލް އެންމެ ފަހުން ޓްރޭސް ކުރެވިފައިވަނީ ހާދިސާ ހިނގި ހަތެއްޖަހާ އެހާކަންހާއިރު ޝިމާ ގެއްލުނުކަމަށް ބުނާ ސަރަހައްދުންނެވެ.
މި ސިގްނަލްތަކަށް ބަލައި، ޑީންގީ ބަންޑުން ޖަހާލިކަމަށް ބެލެވޭ ތަނުގައި، އެ ދުވަހުގެ އޮޔާއި، ވައި ހުރިގޮތަށް ބަލައިގެން، ފުލުހުންވަނީ މި ޙާދިސާ ހިނގާފާނެގޮތާއި، މީހާއާއި ޑިންގީ އޮޔަށް ގޮސްދާނެކަމަށް ބެލެވޭ ގޮތުގެ ތަޙްގީގެއްވެސް ހިންގާފައެވެ.
ފުލުހުން ބުނެފައިވަނީ ޝިމާގެ ފޯނުން ކޮށްފައިވާ މުޢާމަލާތްތައް ދައްކާގޮތުން، ޝިމާ ރަށަށް ދިއުމަށް އުޅަނދެއް ހަމަޖައްސާފައި ނުވާތީ އޭނަގެ މަންމައާ މެދު ހިތްހަމަނުޖެހިގެން ވާހަކަދައްކާފައިވާކަން އެނގިފައިވާކަަމަށެވެ. އަދި ފުލުހުން ގެންދަނީ ޝިމާގެ ފޯނުގައި ހުރި ބައެއް އެޕްލިކޭޝަންތައް މެދުވެރިކޮށް ދައްކާފައިވާ ވާހަކަތައް ހޯދުމަށް، ބައިނަލްއަވާމީ ފަރާތްތަކުގެ އެހީވެސް ހޯދަމުންކަމަށް ފައިރޫޝް ވިދާޅުވިއެވެ.
"ފޭސްބުކް މެސެންޖަރ ޝިމާ ވަރަށް ގިނައިން ބޭނުންކުރާކަން ފާހަގަވެފައިވޭ. އެހެންކަމުން އަޅުގަނޑުނެން މިހާރުވަނީ ޝިމާގެ ފޭސްބުކް ޕޭޖްގެ އެކްސެސް ހޯދަން ރަސްމީ މަސައްކަތްތަކެއް ފަށާފައި." ފައިރޫޝް ވިދާޅުވިއެވެ.
ފައިރޫޝް ވިދާޅުވީ މި މައްސަލައިގެ ތަޙުގީގަށް ގިނަ ދުވަސްތަކެއް ނަގަނީ، ތަޙުގީގަށް ލިބޭ ކޮންމެ މަޢުލޫމާތެއް ޔަގީންކުރުމަށް އިތުރު ތަޙްގީގުތައް ފުލުހުން ހިންގާތީކަމަށެވެ.
ފުލުހުން މަޢުލޫމާތުދޭ ގޮތުން ޝިމާ ހޯދުމަށް މިހާތަނަށް ވަނީ 17 ރަށެއް ވަނީ ބަލާފައެވެ. އަދި 9 ސީސީޓީވީ ފުޓޭޖާއި، ވައިގެމަގުން 10 މޭލު ސަރަޙައްދާއި، 1900 އަކަ ކިލޯމީޓަރުގެ ކަނޑުގެ ސަރަޙައްދެއްވެސް ވަނީ ބަލާފައެވެ.