ޚަބަރު

މަޖިލީހުގެ ރިޔާސަތުގައި އަންހެންނަކު އިނުމަކީ ނަމޫނާއެއް - ޝިދާތާ


އަންނަ ރައްޔިތުން މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސުކަމުގެ މަޤާމުން އަންހެން ބޭފުޅަކު ފެނުމަކީ މުޅި ދުނިޔެއަށް ރާއްޖެއިން ދައްކާނެ ނަމޫނާއަކަށް ވެގެންދާނެކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

19 ވަނަ ރައްޔިތުން މަޖިލީހަށް އިންތިޚާބުވެ ވަޑައިގެން އަންހެން ކަނބަލުންގެ ތެރެއިން ދޭ ބޭފުޅަކު ވަނީ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްކަމުގެ މަޤާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. ރައީސްކަމުގެ މަޤާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއެވެ. އަދި ނާއިބު ރައީސްކަމުގެ މަޤާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲއެވެ.

އެ ދެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު ކުރެއްވި ޓްވީޓެއްގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަޤާމުގައި އަންހެން މެންބަރަކު ފެނިގެން ދިޔުމަކީ ބައިނަލްއަޤުވާމީ ދުނިޔެއަށް ދެއްކޭނެ ނަމޫނާއެއްކަމަށެވެ. އަދި ޝައުގުވެރިކަން ފާޅުކުރި މެމްބަރުންނަށް ކާމިޔާބީއަށްވެސް ޝިދާތާ ވަނީ އެދިވަޑައިގެންފައެވެ.

އަންނަ ރައްޔިތުން މަޖިލީހުގެ ރައީސްކަމުގައި މަޤާމަށް ރޮޒައިނާގެ އިތުރުން 5 ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެ ބޭފުޅުންނަކީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ވިލިފުށީ ދާއިރާގެ މްމްބަރު ހަސަން އަފީފާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާިމް ޝަރީފާއި ކާށިދޫ ދައިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ.

މަޖިލީހުގެ ރައީސްކަމަށް މަޖިލީހުގެ ސުޕަރމެޖޯރިޓީ ނެގި އެމްޑީޕީން 5 މެމްބަރަކު ވާދަކުރުމަށް ޝައުގުޥެރިކަން ފާޅުކުރުމުން އެ މަޤާމުގެ ވާދަވެރިކަންވެސް ވަނީ އުފެދިފައެވެ. އަދި އެ މަޤާމަށް ނަގާނެ ބޭފުޅަކު ފާސްކުރުމަށް ޕާޓިގެ ޕީޖީ ގްރޫޕްގައި ވޯޓް ނަގާނެ ގޮތަކާއި މެދުވެސްވަނީ ހިޔާލު ތަފާތުވުން އުފެދިފައެވ.