ރައީސުލްޖުމްހުރީޔާ އިންޑިޔާއަށް ކުރެއްވި ދަތުރުފުޅާއެކު 2023ވަނަ އަހަރު ރާއްޖޭގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބެއްވުމަށް އިންޑިޔާއިން އެހީތެރިވެދެއްވާނެކަމުގެ ފެހި ސިގްނަލް ލިބިފައިވާކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އިންޑިޔާއަށް ވަޑައިގަތީ ޗެންނާއީ ސުޕަ ކިންގްސް އާއި ރޯޔަން ޗެލެންޖާސް ބެންގަލޯ ކްރިކެޓް މެޗް ބައްލަވާލެއްވުމަށެވެ. މިމެޗްގެ ކުރިން ރޯޔަލް ޗެލެންޖާސްގެ ކެޕްޓަން ވިރާތު ކޯލީ އާއި ސުޕަ ކިންގްސްގެ ކެޕްޓަން މަހިންދްރަ ސިންގް ދޯނީ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ދެ ޓީމުގެ ކުޅުންތެރިން ސޮއިކޮށްފައިވާ ޖާޒީ އާއި ކްރިކެޓް ބެޓެއް ހަދިޔާކޮށްފައެވެ.
މިދަތުރުފުޅުގައި ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމާ ބެހޭގޮތުން އިންޑިއާގެ ކްރިކެޓް ބޯޑާ އެކު ބެންގަލޫރުގައި ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފައެވެ. މިދަތުރުފުޅާއި ބެހޭގޮތުން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ރާއްޖޭގައި 2023ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ގާއިމް ކުރަންޖެހޭ ވަސީލަތްތަށް ގާއިމް ކުރުމަށް މަގުފަހިވެގެން ގޮސްފައިވާކަމަށާއި ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމް އެޅުމާއި ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް ފުޅާދާއިރާއެއްގައި އިންޑިޔާގެ ކްރިކެޓް ބޯޑްއާއެކު މަޝްވަރާތަށް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
އެ ބައްދަލުވުމުގައި ވަނީ، ރާއްޖޭގައި ކްރިކެޓް ފުޅާކުރުމަށް އެސެސްމަންޓެއް ހަދައި ސްޓްރެޓެޖިކް ޕްލޭނެއްގެ މަސައްކަތްކުރުމަށް ބީސީސީއައިގެ ވަފުދެއް ރާއްޖެ އަންނަ ގޮތަށް ނިންމައިފައެވެ. އިންޑިއާ ސަރުކާރުން މީގެ ކުރިން ވަނީ ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމެއް އަޅައިދޭން އެއްބަސްވެފައެވެ.
މީގެ އިތުރުން ދެ ގައުމުގެ މެދުގައި ކްރިކެޓް ސިލްސިލާތަކެއް ބާއްވަން ރާވައި އޭގެ ތެރެއިން ފުރަތަމަ ސިލްސިލާގެ ދަށުން އިންޑިއާގެ މަޝްހޫރު ތަރި ޔުވްރާޖް ސިންގް ހިމެނިގެން އެއާ އިންޑިއާ ޓީމު ވަނީ ދާދި ފަހުން ރާއްޖެ އައިސް މެޗެއް ކުޅެފައެވެ.