ކުޅިވަރު

ސާއިދު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ސެމީއަށް


އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލަށް ސާއިދު ދަތުރުކުރިއިރު ހުސެއިން ފަޒީލް ހާރޫން ގައުމީ ރެކޯޑް މުގުރާލައިފިޢެވެ.

މިހާރު ގަތަރުގެ ދޯހާގައި ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ސެމީފައިނަލަށް ސާއިދު ދަތުރުކޮށްފައިވަނީ 100 މީޓަރު ދުވުމުންނެވެ. އަދި ހުސެއިން ފަޒީލް ހާރޫންވަނީ 10.000 މީޓާރުދުވުމުން ގައުމީ ރެކޯޓް އާކޮށްފައެވެ.

2017ވަނަ އަހަރު އިންޑިޔާގައި ބޭއްވުނު 100 މީޓަރު ދުވުމުގައި ސާއިދުވަނީ ފައިނަލްގައި ވާދަކޮށްފައެވެ. އެ ފަހަރުގެ ކާމިޔާބީއާ އެކު މި ބިޔަ އޭޝިއާގެ ހަތަރު ވަނަ އަށް އެންމެ ބާރު ދުވުންތެރިޔާގެ ޝަރަފާ އެކު ސާއިދު ވެގެން ދިޔައީ މަތީ ފަންތީގެ ކުޅިވަރަކުން އެންމެ ބޮޑު ކާމިޔާބެއް ހޯދި ދިވެއްސަށެވެ.

ރާއްޖޭގެ ފަޒީލް 10،000 މީޓަރު ދުވުމުން ގައުމީ ރެކޯޑް އޭނާގެ ކެރިއަރުގައި ތިން ވަނަ ފަހަރަށް މިއަދު މުގުރާލީ 32:46 މިނެޓުން ދުވެގެންނެވެ. ފަޒީލް ދިޔައީ ރޭހުގެ 12 ވަނައަށެވެ. އެއް ވަނައަށް ދިޔައީ ބަހުރޭންގެ ފިކާޑޫ ޑަވީޓެވެ. ބަހުރޭންގެ ފިކާޑޫ ޑަވީޓް ރޭސް ނިންމީ 28:26 މިނެޓުންނެވެ.

އިންޑިއާގެ ބެންގަލޫރުގައި ހެދި ދެ މަހެއްހާ ދުވަހުގެ ތަމްރީންތަކަށް ފަހު މުބާރާތާ ކުރިމަތިލި ރާއްޖޭގެ ޓީމުގައި ސާއިދާއި ފަޒީލްގެ އިތުރުން ހިމެނެނީ އިބްރާހިމް އަފްޝާން އަލީ (އައްޕި) އާއި ނުޖޫމް ހަސަން އާއި ސަރީސް އަހުމަދާއި އިބާދުﷲ އާދަމް އަދި ހުސެއިން ރިޒާއެވެ.

ފަޒީލް ދެން ދުވާނީ 5000 މީޓަރު ރޭހުގައެވެ. ސާއިދަށް ދެން އޮތީ 100 މީޓަރު އަދި 400 މީޓަރު ރިލޭއެވެ. އައްޕި އާއި އިބާދުﷲ ވާދަކުރާނީ 200 މީޓަރު ދުވުމާއި 100 މީޓަރު ރިލޭ އާއި 400 މީޓަރު ރިލޭގައެވެ. ނުޖޫމް ދުވުމަށް ހަމަޖެހިފައިވަނީ 100 މީޓަރު ރިލޭ އާއި 400 މީޓަރު ރިލޭގައެވެ. ރިޒާ ތިން އިވެންޓެއްގައި ދުވާނެއެވެ. އެއީ 800 މީޓަރު ދުވުމާއި 1500 މީޓަރު ދުވުން އަދި 400 މީޓަރު ރިލޭއެވެ.