ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އިންޑިއަން ޕްރިމިއަރ ލީގުގެ މެޗެއް ބައްލަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއަން ޕްރިމިއަރ ލީގް މެޗު ބައްލަވާލައްވައިފިއެވެ. ޗެންނާއީ ސުޕަރ ކިންގްސްއާއި ރޯޔަލް ޗެލެންޖާރސް ބެންގަލޫރު ވާދަކުރި މެޗުގެ ޝަރަފްވެރި މެޙްމާނަކަށް ރައީސް އިބްރާހީމް މުޙާއްމަދު ޞާލިޙް އިންޑިއާއަށް ވަޑައިގަތީ އެޤައުމުގެ ކްރިކެޓް ބޯޑުގެ ދަޢުވަތަކަށެވެ.

ރޯޔަލް ޗެލެންޖާސް ބެންގަލޫރު މޮޅިވި މެޗުގައި އެޓީމްގެ ކެޕްޓަން ވިރާޓް ކޯލީއާއި ޗެންނާއީ ސުޕަރ ކިންގްސްގެ ކެޕްޓަން މަހިންދްރަ ސިންގް ދޯނީގެ ފަރާތުން ވަނީ އެމަނިކުޔފާނަށް ދެޓީމްގެ ކުޅުންތެރިން ސޮއިކޮށްފައިވާ ޖޯޒީއާއި ކްރިކެޓް ބެޓެއް ހަދިޔާކުރައްވާފައެވެ.

ބެގަލޫރުގެ ޗިންނަސްވާމީ ކްރިކެޓް ސްޓޭޑިއަމްގައި ކުރިއަށްދިޔަ މެޗް ރައީސް ބައްލަވާލައްވާފައިވާއިރު، އެމަނިކުފާނު ވަނީ، އިންޑިއާގެ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓާއި ބައްދަލުކުރައްވާ ރާއްޖޭގައި ކްރިކެޓް ފުޅާކޮށް ކުރިއެރުވުމަށް މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާތަކުގައި ރައީސް ޞާލިޙްގެ އިތުރުން ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ޞާލިޙަކީވެސް ކްރިކެޓް ކުޅުއްވުމަށް ޝަޢުޤުވެރިވަޑައިގަންވާ ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނު ވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބަށް އެއްވަނަ ޑިވިޜަންގައި ކުޅުއްވާފައެވެ.

ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއިވެސް ބައްދަލުކުރައްވާފައެވެ. އެމަނިކުފާނުވަނީ ރަސްމީ ދަތުރުފުޅެއްގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިންޑިއާއަށް ވަޑައިގެން ދެޤައުމުގެ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައެވެ.