ޚަބަރު

ސްރީލަންކާގައި ދިން ޙަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ކާކުކަން ދެނެނުގަނެވޭ 25 މީހުން


ސްރީލަންކާގައި ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކުގައި މަރުވެފައިވާ މީހުންގެ ތެރޭގައި ކާކުކަން ދެނެނުގަނެވޭވަރަށް ޗިސްޗިސްވެފައިވާ ފަންސަވީސް މީހަކުވާކަމަށް ސްރީލަންކާގެ ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ފޮރިންގ މިނިސްޓްރީން މިރޭ ޢާންމުކުރި ބަޔާނުގައި ވަނީ ބޮމުގެ ޙަމަލާތައް އަމާޒުވި ދެސަރަޙައްދުކަމަށްވާ ނެގޮމްބޯއާއި ބަޓިކަލޯގެ ހޮސްޕިޓަލުތަކުގައި ބޭރު ޤައުމުތަކަށް ނިސްބަތްވާ 11 މީހަކު އެޓްމިޓްކޮށް ފަރުވާދެމުންދާކަން ދެނެގަނެވިފައިވާކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ތިންމީހުންނާއި ޕޯޗުގަލް މީހަކާއި، ތުރުކީގެ ދެމީހުންނާއި އިނގިރޭސި ވިލާތުގެ ތިން މީހުންގެ އިތުރުން އެމެރިކާގެ ދެ މީހުންކަމަށް އެވުޒާރާއިން ވިދާޅުވޭ. އަދި ނުވަ ބިދޭސީއަކު ގެއްލިފައިވާކަމަށް ރިޕޯޓްކޮށްފައިވާކަމަށާ ކާކުކަން ދެނެނުގަނެވޭ ފަންސަވީސް މީހަކުވެސް "މޯޗަރީގައި" އޮތްކަމަށްވެސް އެޤައުމުގެ ފޮރިންގ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން މިއަދު އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް 19 ބިދޭސީއަކަށް ލިބުނު ޒަޚަމްތަކަށް ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށްވެސް ވިދާޅުވެފައިވެއެވެ. ސްރީލަންކާގެ ޚާރިޖީ ވުޒާރައިންވަނީ ހޮސްޕިޓަލްތަކަށް ޒިޔާރަތްކޮށް އެމީހުގެ ބޭސްފަރުވާގެ ކަންކަން ގާތުން ބަލަމުން އަންކަމަށްވެސް ހާމަކުރައްވާފައެވެ. ސްރީލަންކާގައި ދިރިއުޅޭ ބިދޭސީންނަށް އެހީތެރިވުމަށް ސައުވީސް ގަޑިއިރު ގުޅޭނެ ހޮޓްލައިން ނަންބަރެއްވެސް ސްރީލަންކާގެ ޚާރިޖީ ވުޒާރާއިން ވަނީ ޢާންމުކުރައްވާފައެވެ.