ޚަބަރު

''އަހަރެން ހީކުރީ ދާޚިލީ ހަނގުރާމަ ނިމުމުން މިފަދަ ދުވަހެއް ދެން ނާންނާނެކަމަށް''


25 އަހަރު ދުވަހުގެ ދާޚީލީ ހަނގުރާމައެއް 2009ވަނަ އަހަރު ނިމުނުފަހުން މިފަދަ ދުވަހެއް ސްރީ ލަންކާއަށް ކުރިމަތިވެފައެއްނުވެއެވެ. އެހެންކަމުން، މި ޙަމަލާތައްވެފައިވަނީ ސްރީ ލަންކާގެ ރައްޔިތުންނަށް ކުއްލި ސިހުމަކާއި ހާސްކަމެއް ކުރިމަތިކުރިވި ހާދިސާއަކަށެވެ. މިއަދު މިއީ ސްރީ ލަންކާއަށާއި އެ ޤައުމުގައި ތިބި އެހެން ޤައުމުތަކަށް ނިސްބަތްވާ މީހުންނަށް ބިރުވެރި ދުވަހެކެވެ.

މި ޙަމަލާތަކުގައި މިހާތަނަށްވަނީ 215 މީހުން މަރުވެ، 450އަށްވުރެ ގިނަ މީހުންވަނީ ޒަޚަމްވެފައެވެ. މިހިސާބުން މިގެނެސްދެނީ މި ޙަމަލާއާއި ކުރިމަތިލާންޖެހުނު ބައެއް މީޙުންގެ ވާހަކަތަކެވެ.

ޖޫލިއަން އެމަނުއެލް

ޑރ. އެމަނުއެލް އަކީ 48 އަހަރުގެ ފިޒީޝަނެކެވެ. އޭނާ އުޅެބޮޑުވީ ސްރީ ލަންކާގައެވެ. މިހާރު ދިރިއުޅެމުންދަނީ އިނގިރޭސިވިލާތުގައެވެ. އެހެންނަމަވެސް، ކަންދިމާކުރި ގޮތުން، އޭނާއާއި އޭނާގެ އަންހެނުންނާއި ދަރިން މިއަދު ތިބީ ބައެއް ތިމާގެ މީހުންނަށް ޒިޔާރާތްކުރުމަށް ކޮލޮމްބޯގައެވެ. ބޮން ގޮއްވާލި ވަގުތު އެމީހުން ތިބީ ކޮލޮމްބޯގެ ސިނަމަން ގްރޭންޑް ހޮޓަލުގައި ނިދާފައެވެ.

"ކޮޓަރި ގުޑައިގެން ދިޔަ. އެ އަޑުފަށްގަނޑު އިވުނުއިރު އަހަރުމެން ތިބީ ނިދާ ކޮޓަރީގައި، އޭރު ގާތްގަނޑަކަށް ހެނދުނު 08:30. ދެން ބަޔަކު އައިސް އަހަރުމެން ހޮޓަލުގެ ލައުންޖަށް ގެންގޮސްފި ބޭރު ދޮރުން ހޮޓާ ދޫކޮށް ދިޔުމަށް އެދުނު. އެތަނުގައި އެއް ބަޔަކު އޭރު ހޮސްޕިޓަލަށް ގެންދޭ، އަދި ހޮޓަލަށް ބޮޑެތި ގެއްލުންތައް ވެފައިހުރިތަން ފެނުނު"

އެވަގުތު އޭނާއަށް "ބައިބައި ވަކިވެފައި އޮތް" ހަށިގަނޑެއް ފެނުނު ކަމަށާއި ރައްޓެހިން ބޮމުގެ ޙަމަލާއެއް އަމާޒުވި ފައްޅިއެއްގެ ފޮޓޯތައް ފޮނުވަމުންދާކަމަށްވެސް އޭނާ ބުންޏެވެ. މުޅި ހޮޓަލަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފަ. އެގޮތުން، ހޮޓަލުގެ އެއް ރެސްޓޯރަންޓް ވަނީ މުޅީން ހަލާކުވެފައެވެ.

"އަހަރެން 18 އަހަރު ދިރިއުޅުނީ ލަންކާގައި، އަހަންނަށް ބައިވަރު ނަސްލީ ހަމަނުޖެހުންތައް ފެނުނު. އެހެންނަމަވެސް، މަގޭ އަންހެންނާއި 11 އަހަރާއި 7 އަހަރުގެ ދަރިފުޅަށް ދުވަހަކުވެސް މިފަދަ މަންޒަރެއް ނުފެނޭ. އެމީހުންނަށް މިކަން ވަރަށް އުނދަގޫ. މިއީ ވަރަށް ދެރަ ކަމެއް. އަހަރެން ހީކުރީ ދާޚިލީ ހަނގުރާމަ ނިމުމުން މިފަދަ ދުވަސްތައް ފާއިތުވެގެންގޮސްފިކަމަށް''

އުސްމާން ޢަލީ

ޢަލީ ދިރިއުޅެނީ ކޮލޮމްބޯގައެވެ. އޭނާއަށް ފުރަތަމަ ކަމެއް ގޯސްވެގެން އުޅޭހެން ހީވީ ގެ ކައިރީގައި ހުންނަ ފައްޅީގެ ތެރެއިން ބަޔަކު ވަރަށް އަވަސްއަރުވާލައިގެން ނެރޭތަން ފެނުމުންނެވެ.

ޢަލީގެ ގެ ހުންނަ މަގުން ސީދާ ކޮލޮމްބޯގެ މައި ހޮސްޕިޓަލަށް ދެވެއެވެ. އެ މަގުވެސް އެމްބިއުލޭންސްތަކުން ފުރާލިއެވެ. އޭނާ ދެން އަވަސްވެގަތީ ވާނުވާ އޮޅުންފިލުވާށެވެ. އެގޮތުން، އަލީ ހޭޝްޓެގް އެލްކޭއޭ ސަރޗްކުރިއެވެ. ބިރުވެރި، ލެއިން ފުރިފައިވާ ފޮޓޯތަކުގެ ތެރެއިން ފެނުނީ ލޭ ހަދިޔާކުރުމަށް ކޮށްފައިއޮތް އިލްތިމާސެކެވެ. އެ ފެނުމާއެކު އޭނާވެސް ނޭޝަނަލް ބްލަޑް ސެންޓަރަށް ދިޔައެވެ.

"ބްލަޑް ސެންޓަރަށް ދެވޭނެ ހުރިހާ މަގެއް އޮތީ ތޮއްޖެހި ބާރުވެފަ. އެމީހުން ދިޔައީ އެތަނަށް ދާމީހުންގެ ނަމާ، ލޭގެ ގްރޫޕާއި ފޯނު ނަންބަރު ނަގަމުން. އަދި ނަން ނޯޓް ކުރެވޭ ވަރަކުން މީހުން ގެއަށް ފޮނުވާފަ، ގުޅީމަ އަންނަން ބުނޭ. އިމާރާތްތަކުން މީހުން ނުކުމެވުނު ގޮތަކަށް ނުކުންނަމުން ސެންޓަރާ ހަމަޔަށް ބޮޑެތި ކިއުތައް ހަދަމުންދިޔަ.''

އެތެރެއަށް ވަނުމާއެކު ފެނިގެން ދިޔައީ އަޚްވަންތަ ލޯތްބެކެވެ. ތަފާތު ގުޅުމެކެވެ.

"އެންމެންގެވެސް އޮތީ އެއް އަމާޒެއް. އަނިޔާވި ފަރާތްތަކަށް ވެވުނު ގޮތަކުން އެހީވުން. ފޯމުތައް ފުރަންވެސް އެކަކު އަނެކަކަށް އެހީވަމުންދިޔަ. މާތް ރަސްކަލާނގެ އަހަރުމެން ސަލާމާތް ކުރައްވާންދޭވެ."

ކީރަން އަރަސަރަތްނަމް

އިމްޕީރިއަލް ކޮލެޖް ލަންޑަން ބިޒްނަސް ސްކޫލްގެ ޕްރޮފެސަރެއްކަމަށްވާ ކީރަން އަރަސަރަތްނަމް ހުރީ ޝަންގްރިލާ ހޮޓެލްގައެވެ. ބޮން ގޮއްވުމުގެ ސަބަބުން މި ހޮޓަލުގެ ދެވަނަ ފްލޯގެ ރެސްޓޯރަންޓްވަނީ މުޅިން ހަލާކުވެފައެވެ.

ރެފިއުޖީއެއްގެ ގޮތުގައި މީގެ 30 އަހަރު ކުރިން އިނގިރޭސިވިލާތަށް ބަދަލުވިނަމަވެސް، މިއަދު އޭނާ ހުރީ ކޮލޮމްބޯގައި "ސޯޝަލް އެންޓަޕްރައިސް" އެއް ލޯންޗްކުރުމަށް އައިހެވެ. ބާރު އަޑުފައްގަނޑެއް އިވުނީ، އޭނާ ކޮޓަރީގައި ހުއްޓައެވެ. އޭނާ ބުނީ 18 ވަނަ ބުރިން އޭނާ ވަރަށް ބިރުންހުރެ ފުރާނަ ސަލާމަތްކުރުމަށް އެންމެ ތިރިއަށް ފޭބިކަމަށެވެ.

"އެންމެން ތިބީ ސިހިފަ. އަހަރެންގެ ކަނާތުގައި ހުރި ކޮޓަރިއަށް ބަލާލިއިރު މުޅިތަނުގައި އޮތީ ހުސް ލޭ. އެންމެން އެމީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ދުވަމުންދިޔަ، އެހެންނަމަވެސް، އޭރުވެސް ވެގެން އުޅޭ ގޮތެއް ނޭނގޭ. ބައެއް މީހުންގެ ގަމީހުގައާއި ހެދުމުގައިވެސް ލޭ. އެތަނުން އެކަކު ކުޑަ އަންހެން ކުއްޖެއް އުރައިގެން އެމްބިއުލޭންސަށް އެރުވި. ހުރިހާ ތަނެއް ހުރީ ލެއިން ފޯވެފައި"

41 އަހަރުގެ އަރަސަރަތްނަމް ބުނީ އޭނާވެސް ހެނދުނު ސައި ބޯންދާން ލަސްނުވިނަމަ އޭނާއަށްވެސް އެ ޙަމަލާގެ އަސަރުކުރީސްކަމަށެވެ. އޭނާ ބުނި ގޮތުގައި އޭނާ ކޮޓަރިން ނުކުތީ 08:45 ހާއިރުއެވެ. އޭރު ބައެއް ފައްޅިތަކުގައާއި އިތުރު ތަންތަނުގައި ބޮން ގޮށްވައިގެން އުޅޭކަން އިނގެއެވެ.

"ކޮންމެސް ގޮތަކަށް ސަމާލުކަން ގެއްލިގެން އަހަރެން ކޮޓަރީގައި މަޑުކޮށްފަ، ކްރެޑިޓް ކާޑު ބަލާ ކޮޓަރިއަށް އައީ. ފޮތިގަނޑު ކަހާލާ "ޑޫ ނޮޓް ޑިސްޓަރބް" ކާޑު އަނެއް ފަރާތަށް އަނބުރާފަ ދެން ބަލާލެލުނީ އެއްޗެއް ގޮވި އަޑަށް."

އޭނާ ބުނި ގޮތުގައި މިހާރު އޭނާ ހުރީ ވަގުތީ ހިޔާއެއްގައެވެ. އެތަނުންވެސް ދުވަނީ ލޭގެ ވަސް ކަމަށް އޭނާ ބުންޏެވެ.

"އަހެރެން މީގެ 30 އަހަރު ކުރިން ލަންކާ ދޫކޮށް ދިޔައީ، ދުވަހަކުވެސް ހިޔެއް ނުކުރަން މިކަހަލަ ކަމެއް މެދުވެރިވާނެ ކަމަކަށް"

ސައިމަން ވިޓްމާޝް

55 އަހަރުގެ ވިޓްމާޝަކީ ރިޓަޔަރޑް ޑޮކްޓަރެކެވެ. ވިޓްމާޝް ކޮލޮމްބޯގައި ހުރީ ޗުއްޓީ ހޭދަކޮށްލާށެވެ. ބާރު އަޑެއް އިވުނުއިރު އޭނާ ހުރީ ބައްޓިކަލޯގައި ސައިކަލް ދުއްވާށެވެ. މޭލެއްހާ ދުރުން އޭނާއަށް ދުން ފެނުނުކަމަށް އޭނާ ބުންޏެވެ.

"ދެން ފެނުނީ އެމްބިއުލޭންސްތަކާއި، މީހުން ރޯތަނާއި އެއްބަޔަކު ދުވާތަން. އަހަރެން ގާތުވެސް އެސަރަޙައްދު ދޫކޮށް ދިޔުމަށް އެދުނު.''

ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކަށް މަސައްކަތް ކުރި ވިޓްމާޝް އެވަގުތު މީހުންނަށް އެހީވާން ބޭނުންވުމުން ހޮސްޕިޓަލްގައި ވޮލަޏްޓިއަރކުރަން އެދުނެވެ. އޭރު މުޅި ތަން އޮތީ އިމަޖެންސީ ޙާލަތަށް ގެނެސްފަ. މުޅި ހޮސްޕިޓަލްވެސް އޮތީ ގަރޑްކޮށްފަ. ހުރިހާ މަގެއްވެސް އޮތީ ބަންދުކޮށްފަ. އަހަރެން ބެލީ އެހީވާނެ ގޮތެއް ހޯދޭތޯ"

ވިޓްމާޝް ބުނި ގޮތުން ކަރފިއުއަށްފަހު މުޅި މަގުތައް ހުސްވެއްޖެއެވެ. މަގުމަތިން މީހެއްވެސް، ދުއްވާ އެއްޗެއްވެސް ނުފެނެއެވެ.