ޚަބަރު

"ރާއްޖޭގައި ކަމެއްވީމާވެސް ދެރަވާނީ ހަމަ މިވަރަށް"


އާދިއްތަ ދުވަހަކީ ސްރީލަންކާގެ ރަސްމީ ބަންދު ދުވަހެއްކަމުން ޢާންމުގޮތެއްގައި މިކަހަލަ ދުވަސްދުވަހު ދިވެހީންވެސް ބާޒާރުކޮށް އާއިލާ ގޮވައިގެން ބޭރަށްނުކުމެއެވެ. އެހެންނަމަވެސް، ސްރީލަންކާގެ އެކި ސަރަހައްދުތަކަށް ރާވައިގެންދިން ބޮމުގެ ޙަމަލާތަކާއެކު ދިވެހިން އެމީހުންގެ ގެތަކަށްވަދެ ރައްކާތެރިކަން ހޯދަން އަވަސްވެގަތެވެ. އެތައް ދިވެހިންނެއް މި ވަގުތު ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

އަވަށްޓެރި ސްރީލަންކާގައި ގާތްގަނޑަކަށް 15،000އަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުންދެއެވެ. މި ޢަދަދު މިއަށްވުރެވެސް އިތުރުވުން އެކަށީގެންވެއެވެ. ރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހެއްގެވެސް އާއިލާ މީހެއް، ރައްޓެއްސެއް ނުވަތަ ދަންނަ މީހެއް ލަންކާގައި ނުހުރެ ދިޔުމަކީ ވަރަށް ނާދިރު ކަމެކެވެ. ލަންކާއަކީ ދިވެހީންގެ "ހޯމް އަވޭ ފްރޮމް ހޯމް" ނުވަތަ ދެވަނަ ގެއެވެ.

އެހެންކަމުން، މިއަދު ހެނދުނުއްސުރެ އެ ޤައުމުގެ އެކި ހިސާބުތަކުގައި ދެމުންދާ ބޮމުގެ ޙަމަލާތަކުގެ އަސަރު ކޮންމެ ދިވެއްސަކަށްވެސް ކުރިއެވެ. މީސް މީޑިއާގެ އެކި ވަސީލަތްތަކުން އާއިލާއާއި، ރައްޓެހިންނާއި ހަފުތާ ބަންދަށް ލަންކާއަށް ގޮސްފާނެހެން ހީވާ އެންމެންގެ ހާލު ރަނގަޅުތޯއާއި ބޮމުގެ ޙަމަލާތަކުގެ އަސަރު ކުރިތޯ ބެލުމަށް އަވަސްވެގަތެވެ.

މިއަދު ހެނދުނު ލަންކާގައި ބޮމުގެ ޙަމަލާތަކެއް ދީފައިވަނީ އެ ޤައުމުގެ އަށް ތަނަކަށެވެ. އެއީ ކޮއްޗިކަޑެ ޗަރޗް، ކަޓުވަޕިތިޔަ ޗަރޗް، ބައްޓިކަލައޮ ޗަރޗްގެ އިތުރުން، ޝަންގްރިލާ ހޮޓެލް، ސިނަމަން ގްރޭންޑް ހޮޓެލް އަދި ކިންގްބަރީ ހޮޓެލަށާއި ދެހިވަލާގެ ހޮޓެލަކަށެވެ. އަދި އެންމެ ފަހުން ހަމަލާ ދީފައިވަނީ ޑެމަޓަގޮޑާގެ ހައުސިން ކޮމްޕްލެކްސަކަށެވެ. މި ހޮޓާތަކަކީ ދިވެހިންގެ ތެރޭގައި ވަރަށް މަޤުބޫލު ހޮޓާތަކެކެވެ. އެގޮތުން، ކިންގްސްބަރީގައި ބޮން ގޮއްވާލިއިރު ދެ ދިވެއްސަކު ތިބިކަމަށް މަޢުލޫމާތު ލިބުނެވެ. ނަމަވެސް، ދެ ދިވެހިން ވަނީ އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވެފައެވެ.

ރާއްޖޭގެ ގަޑިން މިއަދު ހެދުނު ދިހައެއް ޖަހަނިކޮށް ދޭން ފެށި މި ޙަމަލާތަކުގައި މިހާތަނަށް 200އަށްވުރެ ގިނަ މީހުން މަރުވެ 450އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާކަމަށް ލަންކާގެ ނޫސްތަކުން ބުނެއެވެ. ސްރީލަންކާގައި ހުންނަ ރާއްޖެ އެމްބަސީން ބުނީ ގިނަ ޢަދަދެއްގެ ދިވެހިންވެސް ދިރިއުޅޭ، ކޮލޮމްބޯއަށް މިއަދު ދިން ޙަމަލާތަކުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުލިބޭކަމަށެވެ. އަދި ކޮންމެހެން ކުރަންޖެހޭ ކަމެއްގައި ނޫނީ ލަންކާގައި އުޅޭ ދިވެހިން ގެއިން ބޭރަށް ނުނިކުތުމަށްވެސް ދިވެހި އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ.

މި ޙަމަލާތަކާ ގުޅިގެން ދިވެހިންގެ އެތައް ބަޔަކު ވަނީ މިހަމަލާތައް ކުށްވެރިކޮށް މި ޙަމަލާތަކާމެދު ހިތާމަ ފާޅުކޮށްފައެވެ.