ސްރީލަންކާއަށް ދިން ބޮމުގެ ޙަމަލާތައް ދިވެހިރާއްޖޭގެ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ސަރުކާރުން މިހަމަލާތަކާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިހަމަލާތަކުގެ ޚަބަރު ވެގެންދިޔައީ މުޅި ދިވެހިރާއްޖެއަށްވެސް ސިހުމާ ބިރުވެރިކަން ގެނުވި ޚަބަރަކަށް ކަމަށެވެ.
މީގެ އިތުރުން، އަވަށްޓެރި ސްރީލަންކާއަށް ކުރިމަތިކުރުވި ހިތާމަވެރި ޓެރަރިސްޓް ހަމަލާތަކުގައި ގެއްލުންވި އާއިލާތަކާއި މުޅި ސްރިލަންކާއަށްވެސް ތަޢުޒިޔާ ފޮނުއްވާ، މިކަމުން އަރައިގަތުމަށް ސްރީލަންކާއާއެކު އެއްސަފެއްގައި މަސައްކަތް ކުރައްވާނޭ ކަމަށް ސަރުކާރުގެ ބަޔާނުގައި ހާމަކުރައްވާފައިވެއެވެ.
ހަމަމިއާއެކު، އަވަށްޓެރި ސްރީލަންކާއަކީ ދިވެހީންގެ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅޭ އަދި އެކި ބޭނުންތަކުގައި ޒިޔާރާތްކުރާ ޤައުމެއްކަމުން، މި ހާދިސާއާ ގުޅިގެން އެއްވެސް ދިވެއްސަކަށް އަނިޔާވިތޯ ވަރަށް ގާތުން ބަލަމުންގެންދާކަންވެސް ފާހަގަކުރައްވާފައިވެއެވެ.
އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ނުވަތަ ފޯރުކޮށްދެއްވަން ބޭނުންފުޅުވާނަމަ ފޮރިން މިނިސްޓްރީގެ ހޮޓްލައިން 7983400 ނުވަތަ ކޮލޮމްބޯގައި ހުންނަ ދިވެހި އެމްބަސީ ހޮޓްލައިން +9472727702, +94766942654 އާ ގުޅުއްވުމަށްވެސް މިބަޔާނުގައި އެދިފައިވެއެވެ.