ވިޔަފާރި

"ޗޮކްލެޓް ޑައިމަންޑް"ގެ މަޤުބޫލުކަން އިތުރުވަނީ


ޑައިމަންޑު ނުވަތަ އަލިމަހަކީ ތަފާތު އެކި ގަހަނާތައް ތައްޔާރުކުރުގައި ބޭނުންކުރާ މައުދަނެކެވެ. އަލިމަސް ބޭނުންކޮށްގެން ތައްޔާރުކުރާ ގަހަނާތަކަށް ދުނިޔޭގެ މުއްސަދިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް އޮވެއެވެ.

އަލިމަހުގެ އެކި ކުލަތައް ހުންނައިރު، ހުދު ކުލައަކީ އެންމެ މަޤުބޫލުކަން ބޮޑު ކުލައެވެ. ފަހަކާ ޖެހެންދެން އެންމެ މަޤުބޫލުކަން ދަށް އަލިމަހެއްކަމަށް ވެފައި އޮތީ މުށިކުލައިގެ އަލިމަހެވެ.

ބަލާލަން އެހައި ރީތި ނުވުމުން ފަހަކާ ޖެހެންދެން މުށިކުލައިގެ އަލިމަސް ބޭނުންކުރަމުން އައިސްފައިވަނީ އިންޑަސްޓްރިއަލް ބޭނުންތަކަށެވެ. ނަމަވެސް އޮސްޓްރޭލިއާއާއި އެމެރިކާފަދަ ޤައުމުތަކުގައި ކުރިއަށް ގެންދިޔަ ވަރުގަދަ މަރކެޓިންގ ޙަރަކާތްތަކާއެކު ނުށި ކުލައިގެ އަލިމަހަށް އޮންނަ ޑިމާންޑު މިވަނީ ވަރަށް ބޮޑުވެފައެވެ.

މުށި އަލިމަސް މަރކެޓްކޮށް އޭގެ ޑިމާންޑު އިތުރުކުރުމަށް އެންމެ މުހިންމު އެއްދައުރެއް އަދާކުރި އެއް ކުންފުންޏަކީ "ބައުމްގޯލްޑް" ބުރޮސްއެވެ. އެގޮތުން 1950ގެ އަހަރުތަކާއި 1960ގެ އަހަރުތަކުގެ ތެރޭގައި އެކުންފުނިންވަނީ މުށި އަލިމަސް ވިޔަފާރި އިތުރުކުރުމަށްޓަކައި އެކި ނަންނަމަށް އެއަލިމަސް ރީ-ބްރޭންޑުވެސް ކޮށްފައެވެ.

"ޝެމްޕޭން" "އެމްބަރ" އަދި "ޗޮކުލެޓް" ފަދަ ނަންތަކުގައި މުށި އަލިމަސް މަރކެޓު ކުރުމުގެ މަސައްކަތް އެކުންފުނިން ކުރިއެވެ. އަދި އެހެން ކުންފުނިތަކުންވެސް ބައުމްގޯލްޑް ބުރޮސްގެ މަރކެޓިންގެ އުކުޅު ކޮޕީކޮށް، ތަފާތު ނަންތަކުގައިި މުށި އަލިމަސް ވިއްކަން ފެށިއެވެ. ނަމަވެސް ބާޒާރުގައި މުށި އަލިމަހުގެ ނަންތައް ގިނަވެ، އޭގެ ޑިމާންޑު ދަށަށް ދިޔައެވެ.

މުށި އަލިމަހަށް ބާޒާރުގައި މިހާރު އޮތް ޑިމާންޑަކީ "ލު ވިއާން" ނަމަކަށް ކިޔާ ކުންފުންޏަކުން ކުރި މަސައްކަތުގެ ނަތީޖާއެވެ. 2000ގެ އަހަރުތެރޭގައި އެކުންފުނިން މުށި އަލިމަހުގެ ގަހަނާތަކެއް ބާޒާރަށް ނެރުނެވެ. "ޗޮކްލެޓް ޑައިމަންޑު"ގެ ނަން ޑުރޭޓް މަރކްކޮށްގެން ނެރުނު މިގަހާނާތަށް އިސްތިހާރުކޮށް، ޢާއްމުންގެ ސަމާލުކަމަށް ގެނައުމަށް "ލު ވިއާން"އިން ގިނަ މަސައްކަތަކެއް ކުރިއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، 2007ވަނަ އަހަރު "ޗޮކްލެޓް ޑައިމަންޑު"ގެ ނަން އެއްވެސް ވަރަކަށް ގޫގަލް ކޮށްފައިވާ ނުވާއިރު 2014ވަނަ އަހަރު "ޗޮކްލެޓް ޑައިމަންޑު"ގެ ނަން ގޫގަލް ކޮށްފައިވާ އަދަދު ހަތަރު ލައްކައަށް އަރާފައިވެއެވެ.

"ޗޮކްލެޓް ޑައިމަންޑް"އަށް ލިބެމުންދާ މަޝްހޫރު ކަމާއި އެކު، އެ އަލިމަހުގެ އަގުވެސް ދަނީ އުފެލެމުންނެވެ. ކުރިއާ އަޅައިބަލާއިރު މިހާރު އެއަލިމަހުގެ އަގުވަނީ ތިން ގުނައަށް އިފުލިފައެވެ.
"ޗޮކްލެޓް ޑައިމަންޑް"އަކީ ހޮލީވުޑްގެ މަޝްރޫހު ފަންނާނުންގެ މެދުގައިވެސް މަޤުބޫލުކަން ހޯދާފައިވާ އަލިމަހެކެވެ. އެގޮތުން ޖެނިފަރ ލޮޕޭސް، ރިހާނާ ފަދަ ފަންނާނުން މި އަލިމަހުގެ ގަހަނާތައް ބޭނުންކުރެއެވެ.