ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރާނެ


ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރަނީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އުފެދިފައިވާ 'ސުވެލް ވޭވް ޕީރިއަޑް'އާ ގުޅިގެން ރާއްޖޭގެ ކަނޑުތަކުގެ ބާނި ބޮޑުވުމުންކަމަށެވެ. އެގޮތުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދު ރާއްޖެތެރޭގެ ރަށްތަކާއި ދެކުނުގެ ރަށްތަކަށް އުދައަރާނެކަމަށް ލަފާކުރެވޭކަމަށް މެޓު އޮފީހުން ބުނެއެވެ. އެހެންކަމުން މޫދާ ކައިރީގައި ހުންނަ ގޭގެޔަށް އުދައިގެ އަސަރުކޮށްފާނެކަމަށް ބެލެވޭއިރު ހުރިހާ ފަރާތަކުންވެސް މިކަމަށް ސަމާލުވުމަށް އެއިދާރާއިން އިލްތިމާސްކުރެއެވެ.

ކުރިއަށް އޮތް 24 ގަޑި އިރު އުދައަރާފާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު މިއަދުވެސް ވަނީ އައްޑޫގެ ބައެއް ރަށްތަކަށް އުދަ އަރާފައެވެ. އެގޮތުން ހިތަދޫ އަދި ހުޅުމީދޫއަށްވެސް އުދައިގެ އަސަރު ކުރިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހުޅުދޫގެ ކައުންސިލަރ އިބްރާހީމް ޝުކުރީ ވިދާޅުވީ، ދިޔަވަރު ބޮޑުވި ވަގުތު ހުޅުދޫ ބަނދަރުގެ ތޮށިގަނޑު މައްޗަށް ލޮނުގަނޑު އަރާފައިވާކަމަށާއި އަދި ރަށުގެ ބައެއް ސަރަހައްދުތަކަށްވެސް ލޮނުގަނޑުގެ އަސަރުކޮށްފައިވާކަމަށެވެ.