ވިޔަފާރި

އެސްޑީއެފްސީން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި


ކުދި ފަންތި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން އުފެއްދި އެސްޑީއެފްސީން އިތުރު ދެ ލޯނެއް މިއަދު ތައާރަފްކޮށްފިއެވެ.

'ފަށާ ވިޔަފާރި' އަދި ވިޔަފާރި ތަރައްޤީ' ނަމުގައި އެސްޑީއެފްސީން ތައާރަފްކުރި، މި ދެ ލޯނަކީ، ވިޔަފާރި އަލަށް ފަށައިގަންނަ އަދި މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ތައާރަފްކުރި ލޯނުތަކެކެވެ.

'ފަށާ ވިޔަފާރި' އަދި ވިޔަފާރި ތަރައްޤީ' މި ދެލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ 4 އިންސައްތަ އާއި 9 އިންސައްތައާއި ދެމެދުގެ އިންޓްރެސްޓް ރޭޓެއްގައި ގިނަވެގެން 10 އަހަރުން އަގު އަދާކުރާގޮތަށްކަމަށް އެސްޑިއެފްސީން ބުނެއެވެ.

ފަށާ ވިޔަފާރި ލޯނު

މި ލޯނު ސްކީމުގައި ގިނަވެގެން ދޫކުރުމަށް ހަމަޖެހިފައިވަނީ، 2 މިލިއަން ރުފިޔާއެވެ. މި ލޯނު އަނބުރާ ދެއްކުމަށް 10 އަހަރު ލިބިގެންދާއިރު ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 18 މަސްދުވަހެވެ.
މި ލޯނަށް އެދޭ ފަރާތުގެ މަޝްރޫޢުއަށް ބެލުމަށްފަހު ރަހުނެއް ހުށަހަޅަންޖެހޭނަމަ އެސްޑީއެފުން ޤަބޫލުކުރާ ރަހުނެއް ހުށައެޅިދާނެއެވެ. އެސްޑީއެފްސީން ބުނީ ވިޔަފާރި ހިންގާތާ 2 އަހަރު ނުވާ ފަރާތްތަކަށްވެސް މި ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނޭކަމަށެވެ.

އެސްޑީއެފްސީން ބުނީ ފަށާ ވިޔަފާރި ލޯނުގެ ސަބަބުން އަލަށް ފަށާ ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދަލާއި ވިޔަފާރި ހިންގުމަށް ބޭނުންވާ އެހެނިގެން ޙަރަދުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ލިބިގެންދާނޭ ކަމަށެވެ.

ވިޔަފާރި ތަރައްޤީ ލޯނު

މި ލޯނަށް ގިނަވެގެން ދޫކުރުމަށް ހަމަޖެހިފައިވަނީ، 5 މިލިއަން ރުފިޔާއެވެ. ލޯނު އަނބުރާ ދެއްކުމަށް ގިނަވެގެން ލިބޭނީ 10 އަހަރެވެ. އަދި ގްރޭސް ޕީރިއަޑުގެ ގޮތުގައި ކަނޑައަޅާފައިވަނީ 1 އަހަރެވެ.
އަމިއްލައަށް ކުރަންޖެހޭ ޙަރަދު ކަނޑައަޅާނީ، މަޝްރޫޢުއަށް ބެލުމަށްފަހުއެވެ. މި ލޯނަށް އެދޭ ފަރާތްތަކުގެ މަޝްރޫޢުއަށް ބެލުމަށްފަހު ރަހުނެއް ހުށަހަޅަންޖެހޭނަމަ އެސްޑީއެފުން ޤަބޫލުކުރާ ރަހުނެއް ހުށައެޅިދާނޭކަމަށް އެސްޑީއެފްސީން ބުނެއެވެ.

ލޯނުތަކުގެ މަޤްސަދު

އެސްޑީއެފްސީން ބުނީ ވިޔަފާރި ތަރައްޤީ ލޯނު ދޫކުރުމުގެ މަޤްސަދަކީ ކުދި އަދި ވިޔަފާރިތައް އިތުރަށް ތަރައްޤީކޮށް ކުރިއެރުވުންކަމަށާއި، މި ލޯނުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރަށް ފުޅާވެ، ދިގުމުއްދަތަކަށް އިންވެސްޓްމަންޓުތައް ކުރުމުގެ މަގުފަހިވެގެންދާނޭކަމަށެވެ.

މިއަދު ތައާރަފްކުރި ދެ ލޯނު ސްކީމާއިއެކު އެސްޑީއެފްސީން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް 6 ލޯނެއް ތައާރަފްކޮށްފައެވެ. އެސްޑީއެފްސީން ބުނީ އަލަށް ތައާރަފްކުރި ދެ ލޯނުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަސް ލޯނު ހޯދުމުގައި ހުރި ދަތިތަކަށް ލުޔެއް ލިބި، ވިޔަފާރިތައް ތަރައްޤީކުރުމުގައި ބައިވެރިއެއްގެ ގޮތުގައި އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުރިހަމަ ވެގެންދާނޭކަމަށެވެ.

އެސްޑީއެފަކީ ކޮބައި؟

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީއަކީ އަދުގެ ސަރުކާރުގެ އެއް ވަޢުދުކަމުގައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ޤާއިމުކޮށްފައިވާ ކުންފުންޏެކެވެ.

އެސްޑީއެފްސީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމެވެ.