މަރިޔަމް މުހައްމަދު، މާޔަން ފީފާގެ ކައުންސިލްގައި އޭޝިއާ ތަމްސީލްކުރާ އަންހެން މަންދޫބްގެ މަގާމަށް ނުހޮވުނީ ޝެއިޙް އަހްމަދު އަލް ފަހަދް އަލް ސަބާހްގެ ނުފޫޒުންކަމަށް މާޔަން ބުނެފިއެވެ.
މާޔާން މިހެން ބުނެފައިވަނީ މިދިޔަ ހަފްތާގައި އޮތް އޭ.އެފް.ސީ އިންތިހާބާއި ގުޅިގެން އެމެރިކާގެ ނިއުޔޯކް ޓައިމްސްއަށް ދިން އިންޓަވިއުއެއްގައެވެ.
ޝެއިޙް އަޙްމަދަކީ މިހާރު ފީފާ އަދި އޭ.އެފް.ސީގެވެސް އެއްވެސް މަގާމެއްގައި ހުރި ފަރާތެއް ނޫނެވެ. އެހެންނަމަވެސް އޭ.އެފް.ސީގެ ހުރިހާ މަގާމުތަކަކަށްވެސް މީހުން އައްޔަނުކުރަނީ ޤަތަރުގެ ޝޭޙް އަހްމަދުގެ އެއްބާރުލުން ލިބިގެންނެވެ.
ނިއުޔޯކް ޓައިމްސްއިން ހާމަކުރި ގޮތުގައި މެލޭޝިއާގައި ކުރިއަށްދިޔަ އިންތިހާބުގެ ގިނަ ކަންތައްތައް ނިންމާފައިވަނީ އިންތިހާބް ބޭއްވުނު ތަނުގެ ބަދަލުގައި ޝެއިޙް އަހްމަދު މެލޭޝިއާގައި މަޑުކުރި ހޮޓެލް ރޫމްގެ ތެރޭގައެވެ. މި އިންޓަވިއުގައި މަޔާން ވަނީ ޝެއިޙް އަހްމަދުގެ ރުހުން ލިބޭތޯ ޝެއިޙް އާއި ބައްދަލުކުރިކަން ހާމަކޮށްފައެވެ.
މާޔަން ބުނީ ޝެއިޙް އަހްމަދާއި ބައްދަލުކުރީ ކުއަލަލަމްޕޫރްގެ ހަޔަތް ހޮޓެލައިގައި ޝެއިޙްގެ ކޮޓަރީގައި ކަމަށާއި މިބައްދަލުވުމުގައި މާޔަންއަށް އިންތިހާބުގައި ވާދަނުކުރަން ޝެއިޙް އެންގިކަމަށެވެ. އަދި ބަންގްލަދޭޝްގެ މަޙްފުޒާ އަޚްތަރް ކިރޮންއަށް މިހާރު ޝެއިޙްގެ އެއްބާރުލުން ދީފައިވާ ކަމަށާއި މާޔަންއަށް ބޭނުންވެއްޖެ ނަމަ ފީފާ ނުވަތަ އޭ.އެފް.ސީއިން އެހެން މަގާމެއް ކުރިއަށް އޮތްތާގައި ހޯދައިދޭނެ ކަމަށް ޝެއިޙް ބުނިކަމަށްވެސް މާޔަން ބުންޏެވެ.
އަހަރަކު ދެ ލައްކަ ފަންސާސް ހާސް ޑޮލަރުގެ ބޮޑު މުސާރައެއް ލިބޭ މި މަގާމަށް މާޔަން ޝެއިޙްގެ ރުހުމާ ދެކޮޅަށް ވާދަކުރިނަމަވެސް ވަނީ ބޮޑުތަފާތަކުން ބަލިވެފައެވެ. އަދި މާޔަން އެމަގާމަށް ވާދަކޮށްފިނަމަ މަޔާންގެ ކެރިއަރު ނިމޭނެ ކަމަށާއި ދިވެހި ފުޓްބޯޅައަށްވެސް ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގައި އިންޒާރުވެސް ޝެއިޙް އަހްމަދު ދިންކަމަށްވެސް މަޔާން ވަނީ ބުނެފައެވެ.
މިކަންތައްތަކާ ގުޅިގެން މަޔާން ވަނީ އޭ.އެފް.ސީގެ އިލެކްޝަން އޯވަސައިޓް ޕެނަލްއަށް އެމައްސަލަ ހުށައަޅާފައެވެ.