ޚަބަރު

ސެނަހިޔާ ކައިރީގައި ހިނގި އެކްސިޑެންޓާ ގުޅިގެން ޑްރައިވަރުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި


ސެނަހިޔާ ހޮސްޕިޓަލް ކައިރިން ކަފިހި ހުރަހުން މަގު ހުރަސްކުރި އަންހެނެއްގެގައި ޓެކްސީއަކުން ޖެހުނު މައްސަލާގައި ޓެކްސީ ދުއްވަން އިންމީހާގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މިދިޔަ ފެބްރިއަރީ މަހުގެ ބާރަވަނަދުވަހުގެ ރޭ ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 46 އަހަރުގެ އަންހެނަކަށެވެ. މި މިހާއަށް ލިބުނު ގެއްލުންތަކަށް އޭޑިކޭގައި ފަރުވާދީފައިވާއިރު އެ ހާދިސާއަށްފަހު އެމީހާ ހޭ އަރާފައިވަނީ އޭގެ އެތައް ދުވަހެއްފަހުން މާރިޗުމަހުގެ ފަހުކޮޅުއެވެ. މި އެކްސިޑެންޓުގައި އިތުރު އަންހެންނަކަށްވެސް އަނިޔާވެ ފަރުވާދީފައިވެއެވެ. އެހެންނަމަވެސް އޭނާއަށް ސީރިއަސް އަނިޔާތަކެއް ނުލިބެއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓާއި ގުޅިގެން ޓެކްސީ ދުއްވަން އިން މީހާގެ މައްސަލަ ތަހުޤީގުކޮށް އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ އިއްޔެކަމަށެވެ. މި މައްސަލާގައި ޓެކްސީ ޑްރައިވަރުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާއިރު އެނާގެ ޑްރައިވިން ލައިސަންސްވަނީ 2 އަހަރުދުވަހަށް ހިފައްހައްޓާފައެވެ. އަދި އޭނާއަށް ދޫކޮށްފައިވާ ޓެކްސީކުރުމުގެ ހުއްދަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބާޠިލުކޮށްފައެވެ.

ފަހަކަށް އައިސް އެކްސިޑންޓްތައް އިތުރުވަމުންދާތީ ޓްރާންސްޕޯޓް މިނިސްޓްރީން އަންނަނީ މިކަން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއްވެސް އަޅަމުންނެވެ. އެގޮތުން ބާރު ސްޕީޑްގައި ދުއްވާ ފަރާތްތަކާއި އެކްސިޑެންޓްވާ ފަރާތްތަކުގެ ލައިސަންސްވެސް މިނިސްޓްރީން އަންނަނީ ހިފަހައްޓަމުންނެވެ.