ވިޔަފާރި

ވޯލްޑް ޓްރެވަލް އެވޯޑްސްގެ 27 އަށްވުރެ ގިނަ ކެޓަގަރީން ރާއްޖެ ނޮމިނޭޓްވެއްޖެ


ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފްވެރި އެވޯޑު، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ހަތާވީހަށްވުރެ ގިނަ ކެޓަގަރީން ރާއްޖެ ނޮމިނޭޓްވެއްޖެއެވެ.

ނޮމިނޭޓްވެފައިވާ ޤައުމުތަކަށާއި ރިސޯޓްތަކަށް ވޯޓުލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ވޯޓު ލުމުގެ ފުރުސަތު މިމަހުގެ އެކާވީސްވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ރާއްޖޭގެ ރިސޯޓްތައް ވާދަކުރާނީ އިންޑިއަން އޯޝަންގެ ބައިންނެވެ. އެގޮތުން އިންޑިއަން އޯޝަން ބައިގައި ޖުމްލަ ސައްބީސް ކެޓަގަރީ ހިމެނޭއިރު، އޭގެ ތެރެއިން ސައުވީސް ކެޓަގަރީއެއްގައި ރާއްޖޭގެ ރިސޯޓްތައް ހިމެނެއެވެ. އަދި މަންޒިލެއްގެ ގޮތުގައިވެސް ރާއްޖެ އެކި އެކި ކެޓަގަރީތަކުން ވާދަކުރެއެވެ.

އިންޑިއަން އޯޝަން ބައިގައި ނޮމިނޭޓްވެފައިވާ ޤައުމުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ނޮމިނޭޓްވެފައި ވަނީ ރާއްޖޭގެ ރިސޯޓްތައްކަން ފާހަގަކޮށްލެވެއެވެ. އިންޑިއާ ކަނޑުގެ ސަރަޙައްދުން ރާއްޖެއާއި ވާދަކުރަނީ މޮރިޝަސް އާއި، ސީޝެލްސް އާއި، މަޑަގަސްކަރަ އާއި ރިޔޫނިއަން އައިލެންޑްސްއެވެ.

މި އެވޯޑްގައި ރާއްޖެ ނޮމިނޭޓްވެފައިވާ އެވޯޑްތަކަށް ބަލާއިރު، އެންމެ މަޤްބޫލް މަންޒިލް އަދި އެންމެ މަޤްބޫލު ޑައިވް، ހަނީމޫން، އަދި ކްރޫޒް ޑެސްޓިނޭޝަންވެސް ހިމެނެއެވެ.

މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސް ގާލާ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫންމަހުގެ އެއްވަނަ ދުވަހު މޮރިޝަސްގައެވެ.