ޚަބަރު

ފަތުރުވެރިންގެ މެދުގައި ތަރިކަ އިޝްތިހާރުކޮށްގެން ބޮޑު މަންފާއެއް ހާސިލްކުރެވިދާނެ- މިނިސްޓަރ ޔުމްނާ


ސަޤާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓިއްޖެނަމަ، ފަތުރުވެރިކަމުގެ ދާއިރާ މެދުވެރިކޮށް މި ދާއިރާއިން މާލީ ބޮޑު މަންފާއެއް ޙާސިލް ކުރެއްވެވޭނެކަމަށް މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެންް ވިދާޅުވީ ބައިނަލްއަޤްވާމީ ތަރިކައިގެ ދުވަހާ ގުޅިގެން ދެއްވި ޚިޠާބްގައެވެ. މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވީ ފަތުރުވެރިން ޤައުމުތަކަށް ޒިޔާރަތްކުރާ އެންމެ ބޮޑު އެއް ބޭނުމަކީ، އެ ޤައުމެއްގެ އާސާރީ ތަންތަނާއި ތަކެތި ބަލާލުންކަމަށެވެ. އެގޮތުން ރާއްޖެއަކީވެސް މިފަދަ މުއްސަނދިކަމެއް ލިބިފައިވާ ޤައުމަކަށްވާއިރު ތަރިކަ ޙިމާޔަތް ކުރެވިއްޖެނަމަ، މިކަމުން އިޤްތިޞާދީ ބޮޑު މަންފާއެއް ހާސިލް ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސަޤާފީ ތަރިކަ ރައްކާތެރިކޮށްގެން، ފަތުރުވެރިކަމުގެ ދާއިރާ މެދުވެރިކޮށް މާލީ އެތަށް މަންފާއެއް ހޯދިދާނެ. މިއީ ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމެއް" މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ތަރިކައިގެ ވާހަކަ ދައްކާއިރު، ތަރިކައަކީ ކޮބައިކަން އެނގެން ޖެހޭމަށެވެ. އެގޮތުން ކުރިން އުޅެ ގޮސްފައިވާ މީހުން، ދޫކޮށްފައި ދިޔަ ކޮންމެ ކަމަކާއި، އެއްޗަކީ ކޮންމެވެސް މާނައެއްގައި ތަރިކައިގެ ތެރޭގައި ހިމެނޭ ތަކެތިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ބަހުރުވަތަކާއި، ހަދާފައިވާ ބިނާތަކާއި، ގެންގުޅޭ ތަކެއްޗާއި، މަސައްކަތްތެރިކަމާއި، ފަންނުވެރިކަންވެސް ހިމެނެނީ ތަރިކައިގެ ތެރޭގައި." މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

މިނސިްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ ތަރިކައަކީ އަޅުގަނޑުމެންގެ ކާބަފައިން ދޫކުރައްވާފައި ދިޔަ އަމާނާތެއްކަމަށެވެ. އަދި މި އަމާނާތް ރައްކާތެރިގޮތުގައި ބަލަހައްޓައި ކުރިއަށް އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާއަކަށް ހަދަންޖެހޭކަމަށެވެ.

ތަރިކަ ރައްކާ ކުރެވޭނީ އާއްމުންގެ ހޭލުންތެރިކަން މިކަމުގައި އިތުރުކޮށްގެންކަން ފާހަގަކުރައްވައި މިނިސްޓަރ ވަނީ، ޒުވާނުން މިކަމަށް ޝައުގުވެރިކުރުވައި، ކުދިން ތަރުބިއްޔަތުކުރުމާއި ތަޢުލީމުގެ ތެރެއިން ޤައުމިއްޔާތާއި ސަޤާފީ ތަރިކަ އެނގޭ ބަޔަކަށް އެކުދިން ހެދުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެންނަކީ ކޮންބައެއްކަމާއި، ކިހިނެތް އުުޅުނު ބައެއްކަން ރަމްޒުކޮށްދެނީ ތަރިކައިން ކަމަށާ އެހެންކަމުން ތަރިކަ ރައްކާތެރިކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. ދިވެހި ތާރީޚާއި ތަރިކަ ރައްކާތެރިކުރުމުގެ މަސައްކަތް ހަރުދަނާކޮށް ތަރިކަ ހިމާޔަތްކުރުމަށްޓަކައި ޤާނޫނެއް ޑްރާފްޓްކޮށް ސަރުކާރުން ވަނީ މަޖިލީހަށްވެސް ފޮނުވާފައެވެ. އަދި ތަރިކައިގެ ލިސްޓެއް އެކުލަވާލުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.