ވިޔަފާރި

މޯލްޑިވިއަން އެންމެފަހުން ޔޫރަޕަށް!


ދިވެހި ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ދަތުރުތައް ޔޫރަޕަށް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފަށައިފިއެވެ.

ޤައުމީ އެއަރލައިން ހިންގާ އައިލެންޑް އޭވިއޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު މުޚައްމަދު ރިޒްވީ ވަނީ މިކަން ޕީއެސްއެމްނިއުސްއަށް ޔަޤީންކޮށްދެއްވާފައެވެ. ޕީއެސްއެމްނިއުސްއަށް މައުލޫމާތުދެއްވަމުން ރިޒްވީ ވިދާޅުވީ، މޯލްޑިވިއަންގެ ދަތުރުތައް ޔޫރަޕަށް ނުކުރަނީ ކީއްވެތޯ ގިނަބަޔަކު ސުވާލުކުރަމުން އަންނަކަމަށެވެ.

ރިޒްވީ ވިދާޅުވީ، މޯލްޑިވިއަންގެ ދަތުރުތައް ޔޫރަޕަށް ފެށުމަށްޓަކައި ހަދަންޖެހޭ މާކެޓް ދިރާސާތަކާއި، ފީސިބަލް ކަމެއްތޯ ބެލުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނުން މިހާރު ކުރަމުން އަންނަކަމަށެވެ.

"
މޯލްޑިވިއަން ދަތުރުކުރާ މަންޒިލްތައް އިތުރުކޮށް އެއަރލައިނުގެ އޮޕަރޭޝަންތައް ފުޅާކުރުމުގެ ވިސްނުމުގައި އަޅުގަނޑާއި އަޅުގަނޑުގެ ޓީމުން މަސައްކަތްކުރަމުން މި އަންނަނީ. ބައެއް ކަންކަމަށް ވަގުތު ބޭނުންވާނެ. ދިވެހިރާއްޖެ ޓޫރިޒަމް ބްރޭންޑަކަށްވެގެން ޔޫރަޕަށް ދިޔަގޮތަށް، ޤައުމީ އެއަރލައިނަށްވެސް ޔޫރަޕަށް ދަތުރު ކުރެވޭނެ
މުޚައްމަދު ރިޒްވީ، އައިލެންޑް އޭވިއޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު

ރިޒްވީ އަކީ 2013ވަނަ އަހަރު މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް ފެށުމަށްޓަކައި އެކަމަށް އެންމެފުރަތަމަ އިސްނަންގަވައިގެން މަސައްކަތްކުރެއްވި އެއް ބޭފުޅާއެވެ. މޯލްޑިވިއަނުން ޗައިނާއަށް އުދުހުންތައް ބާއްވަން ފެށިތާ މި އަހަރަށް 6 އަހަރުވެގެންދާއިރު، އެ އެއަރލައިނުން އަންނަނީ ޗައިނާގެ 6 ސިޓީއަކަށް ދަތުރުކުރަމުންނެވެ.

ރިޒްވީ ވިދާޅުވީ، މޯލްޑިވިއަންގެ އޮޕަރޭޝަންތަކަށް ވައިޑް ބޮޑީ އެއަރކްރާފުޓް ތައާރަފްކޮށް، ބައިނަލްއަޤްވާމީ އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ އަމާޒެއްކަމަށެވެ.

މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ އުދުހުންތަކުގައި މިހާތަނަށް ބޭނުންކުރަމުން އަންނަނީ އެއަރބަސްގެ ދެ ބޯޓެވެ. އެއީ އެއަރބަސް A321 މަރުކާގެ 200 ފަސެންޖަރުންގެ ޖާގައިގެ ބޯޓަކާއި، އެއަރބަސް A320 މަރުކާގެ 152 ފަސެންޖަރުންގެ ޖާގައިގެ ބޯޓެކެވެ.