ޚަބަރު

ނޯޓިސް ބާތިލުކުރީ ވަކި ބަޔަކު ހައްޔަރުކުރަން ހެކިބަސް ހޯދަން - ނިހާން


އިންޓަޕޯލުން ރެޑްނޯޓިސް ނެރެފައިވާ ހަތަރު މީހެއްގެ ނޯޓިސް ބާތިލުކުރީ ސަރުކާރުން ބޭނުންވާ ބަޔަކު ހައްޔަރުކުރުމަށް ހެކިބަސް ދިނުމަށްކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސެއިން މަނިކު ތުުހުމަތުކުރައްވައިފިއެވެ.

އެމްއެމްޕީއާރީސީގެ މައްސަލާގައި ހިމެނޭ އެޗްޑީސީގެ ކުރީގެ ޗެއަރމަން މުހައްމަދު އަސީލާއި އެސްއޯއެފްގެ މުހައްމަދު އައްލާމް ލަތީފާއި މުހައްމަދު ހުސެއިނާއި އަހްމަދު އިޝްފާހު ލަތީފުގެ މައްޗަށް ނެރެފައވާ ރެޑްނޯޓިސް ބާތިލުކުރިކަން ފުލުހުން މިރޭ ވަނީ ހާމަކޮށްފައެވެ.

މި ނިންމުމާއި ގުޅިގެން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރ ނިހާން ހުސެއިން މަނިކު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ނިންމުމަކީ ސަރުކާރުން ބޭނުންވާ ގޮތަށް ބަޔަކު ހައްޔަރުކުރުމަށް ހެކިބަސް ދިނުމާއި ގުޅޭކަމެއްކަމަށް ތުހުމަތުކޮށްފައެވެ. އެހެންނަމަވެސް އެއީ ކޮން ބަޔެއްކަމެއް ނިހާން ވިދާޅެއްނުވެއެވެ.

ފަހުގެ ތާރީހުގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު ހިޔާނާތް ތަހުޤީގުކޮށް އެކަމުގައި ކުށްވެރިވާ ފަރާތަކަށް އަދަބު ދިނުމަށް ނިހާންވެސް ވަނީ ތާފާތު ޕޯޑިއަމްތަކުގައި ގޮވާލައްވާފައެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންނެގީ އެމީހުން ފަރާތުން ތަހުޤީގަށް ބޭނުންވާ ބަޔާންތައް ނަގާފައިވާތީކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވަނީ ހާމަކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސުން ބުނީ މި ހަތަރު މީހުންގެ މައްޗަށް ނެރެފައިވާ އަމުރު ބާތިލުކޮށްފައިވަނީ ދައުލަތުން އެދިގެންކަމަށެވެ. އަދި އޭރު އިންޓަރޕޯލް ރެޑް ނޯޓިސް ނެރުނީ މި ހަތަރު މީހުން ތަހުޤީގަށް ހާޒިރުނުކުރެވިގެންކަމަށާއި މިހާރު އެފަރާތަކާއި ފުލުހުންނާ ދިމާވެ ތަހުޤީގަށް ބޭނުންވާ ބަޔާންތައް ނަގާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. އަދި މި ފަރާތްތައް އިނގިރޭސި ވިލާތުން ހިމާޔަތް ހޯދައިގެން ތިބި ނަމަވެސް ފުލުހުނަށް އެމީހުންނާއި ބައްދަލުކޮށް ބޭނުންވާ މައުލޫމާތު ހޯދާކަމަށްވެސް ފުލުހުން ބުނެއެވެ. އަދި އެހެންކަމުން މިހާރު ރެޑް ނޯޓިސް ދަމަހައްޓަންޖެހޭ ތަނެއް ނެތްކަމަވެސް ފުލުހުން ބުނެއެވެ.

އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތުގައި އެކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް އެސް.އޯ.އެފްގެ އެކައުންޓަކަށް ޖަމާކުރުމަށްފަހު، އެ ފައިސާ 155 ފަރާތެއްގެ އެކައުންޓްތަކަށް ވަނީ ޖަމާކޮށްދީފައެވެ.