ޚަބަރު

ރޮނާލްޑޯ ނެތްތަން ފޫނުބެއްދޭނެ - ޒިދާން


ކްރިސްޓިއާނޯ ރޮނާލްޑޯ ނެތުމަކީ ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއްކަމަށް ރެއާލްގެ ކޯޗު ޒިދާން އެއްބަސްވެއްޖެއެވެ.

މިހާރު ކުރިއަށް އޮތް ސީޒަނަށް ޓީމް އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންދާ ރެއާލް މެޑްރިޑުން ރޮނާލްޑޯ ނުލާ ކުޅުނު ފުރަތަމަ ސީޒަން ނިންމާލަން ޖެހިފައިވަނީ ހުސްއަތާއެވެ.
ރެއާލްގެ ކޯޗުކަމާ ދެވަނަ ފަހަރަށް ހަވާލުވުމަށްފަހު ޒިދާން، ކްލަބަށް ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރަމުންދާ ކުޅުންތެރިއަކީ ޗެލްސީގެ ބެލްޖިއަމް ފޯވާޑް އެޑެން ހަޒާޑެވެ. އެހެންނަމަވެސް ހަޒާޑްއަށްވެސް ރޮނާލްޑޯ ދެއްކި ކުޅުން ރެއާލްގައި ނުދެއްކޭނެ ކަމަށް ޒިދާން އެއްބަސްވެއެވެ.

ޒިދާން ބުނީ ރޮނާލްޑޯ އަކީ މިހާރު ރެއާލް ކުޅުންތެރިއެއް ނޫން ކަމަށާއި އެކަން ގަބޫލްކުރަން ޖެހޭކަމަށެވެ. އަދި ބަދަލުގައި ކޮންމެ ކުޅުންތެރިއެއް ގެނައިނަމަވެސް ރޮނާލްޑޮ ރެއާލްގައި ދެއްކި ކުޅުމެއް އެހެން ކުޅުންތެރިއަކަށް ނުދެއްކޭނެ ކަމަށެވެ.
ރެއާލްއިން މިހާރު މަސައްކަތް ކުރަމުންދަނީ ޓީމުގެ ބޮޑު ބައެއް ބަދަލުކޮށް ގިނަ ޑިޕާޓްމަންޓް ތަކަކަށް އާކުޅުންތެރިން ހޯދަން. މިގޮތުން ބޭލްވެސް މިސީޒަން ނިމުމުން ކްލަބުން ވިއްކާލާނެކަމަށް ސްޕެއިންގެ މީޑިއާތަކުން ދަނީ ބުނަމުންނެވެ.